މަޖިލީހަށް ގާބިލު މީހުން އިންތިހާބު ކުރެވޭނެ ގޮތް ނެތުމުން އާދަމް ޝަރީފު ކަންބޮޑުވެއްޖެ

ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިންބާރުގެ ތެރެއިން ދެވަނަށް ބާރަށް ވެފައި، އެތަނަށް އިންތިހާބުކުރާ މެންބަރުންނަކީ ގާބިލު މީހުންކަން ކަނޑައެޅޭނެ ގޮތެއް ނެތުމުން ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއ...

09 Nov 2019 | 04:58

ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިންބާރުގެ ތެރެއިން ދެވަނަށް ބާރަށް ވެފައި، އެތަނަށް އިންތިހާބުކުރާ މެންބަރުންނަކީ ގާބިލު މީހުންކަން ކަނޑައެޅޭނެ ގޮތެއް ނެތުމުން ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.

އާދަމް ޝަރީފު މިފަދައިން ކަންބޮޑުވުންފާޅު ކުރައްވާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު ހަދާ ތަނަށް ގާބިލު މީހުން އިންތިހާބު ކުރެވޭނެ ގޮތެއް ނުރާވާ ކައުންސިލްތަކަށް ގާބިލު މީހުން އައްޔަން ކުރުމުގެ ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށެވެ.

https://twitter.com/Adamshareefz/status/1192889609518108672?s=20

އެމަނިކުފާނު މިފަދައިން ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އަންނަ ބޮޑުބަދަލު ހެޔޮގޮތުގައި ތަންފީޒު ކުރެވިގެންދާނީ މޭޔަރާއި، ރަށްރަށުގެ ކައުންސިލް ރައީސުން އިންތިހާބު ކުރުމުގައި ގާބިލު މީހުންނަށް ފުރުސަތު ދީގެން ކަމަށް އެލްޖީއޭއިން ބުނުމުންނެވެ. ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެލްޖީއެގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އަހުމަދު ސަރުކާރުން ކައުންސިލްތަކަށް މާލީ ބޮޑު ބާރުވެރިކަމަކާއި، މާލީގޮތުން މަންފާލިބޭ އެތައްކަމެއް ކުރުމުގެ ބާރު ކައުންސިލްތަކަށް ދޫކޮށްލާއިރު މިކަންކަން ކުރެވޭނެ ގާބިލްބަޔަކު އިންތިހާބު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ކަންސިލްތަކަށް 1.6 ބިލިއަން ރުފިޔާ ދިނުމަށް 2020ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅައިފައެވެ.

އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައިވާ ކަމަށެވެ. މިއީ 2019ވަނަ އަހަރުގެ ބަޖެޓުގައި ފާސްކުރި 656 މިލިއަން ރުފިޔާއަށްވުރެ 2.4 ގުނަ އިތުރު އަދަދެކެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ކައުންސިލްތަކަށް ހިލޭ އެހީ ދޫކުރަން ފެށުމުން، ހުރިހާ ކައުންސިލަކަށްވެސް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި ބަދަލާއި ގުޅިގެން ދައުލަތުގެ އޮފީސްތަކުގެ ބައެއް މަސައްކަތްތަކާއި މިނިސްޓްރީ ތަކުގެ ދަށުން ހިނގާ ކުދި މަޝްރޫޢުތައް ކައުންސިލްތަކުގެ ދަށަށް ގެންދެވޭނެކަމަށެވެ.

"ދިވެހިންނަށް ގުދުރަތީގޮތުން ރޯދި ކުރައްވާފައިވާ މުއްސަނދި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދެމެހެއްޓެނިވި، ފުދުންތެރި އަދި ޖަޒީރާވަންތަ ތަރައްޤީގެ މަންޒިލަކާ ހަމައަށް ވާސިލްވާން ސަރުކާރުން ވާނީ ސިޔާސަތުތަކެއް އެކުލަވާލާފަ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ސިޔާސަތަކީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވައި، މައުނަވީ ގޮތެއްގައި ވަސީލަތްތައް ބޭނުން ކުރުމުގެ ފުރުސަތު ދިނުން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިގޮތުން، ޖެނެރަލް ލެޖާގެ ކޯޑު ލެވަލްގައި ބަޖެޓުކޮށްގެން ކައުންސިލްތަކަށް ފައިސާ ދޫކުރުން ހުއްޓާލައި، ކައުންސިލްތަކަށް ޚަރަދުކުރުމުގައި އިތުރު މިނިވަންކަން ލިބޭގޮތަށް "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ދޭ ގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ޖުމްލަ މިންވަރަކީ ޑޮމެސްޓިކް ރެވެނިއުގެ 5 އިންސައްތައިގެ އިތުރުން، ބިމާއި، ރަށްރަށާއި، ފަޅާއި ފަރުފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ ޢާމްދަނީގެ %40 އެވެ.

"މި ބަޖެޓު ވެގެންދާނީ ދިވެހި އެންމެހާ ރައްޔިތުންނަށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މަގުފަހިކޮށްދޭ، ރައްޔިތުންނަށް ބުރަބޮޑުނުވާނެ ފަދަ އުސޫލުތަކެއްގެ މަތިން، ޖަޒީރާ ދިރިއުޅުމަކަށް މަގުކޮށައިދޭ ބަޖެޓަކަށް. މިއީ ދިވެހި ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ޖުމްލަ ބަޖެޓު ނަންބަރެއްގެ ބަދަލުގައި، ބަޖެޓު ބައިކުރެވޭ ގޮތް ނުވަތަ އެޕްރޮޕްރިއޭޝަން ސްޓްރަކްޗަރއެއް މި އިއްޒަތްތެރި މަޖިލީހުން ފާސްކުރަން ހުށަހަޅާ ފަހަރު." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާއިރު ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުގެ 5 ޕަސެންޓު ދިނުމާއި ފަސް މިލިއަނަށްވުރެ ކުޑަނޫން މަޝްރޫއުތައް ކައުންސިލްތަކަށް ދިނުމަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް