ފިންގަ ޕްރިންޓު މައްސަލާގައި ހައިކޯޓުންވެސް ތާއީދު ކުރީ އީސީއަށް

ސިިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ޕާޓީތަކުގައި ރަޖިސްޓްރީ ވެފައި ތިބި މެމްބަރުންގެ ތެރެއިން ފިންގަޕްރިންޓް ހުށަނާޅާ މެމްބަރުން ޕާޓީތަކުގެ ދަފްތަރު އުނިކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިނ...

09 Oct 2019 | 18:26

ސިިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ޕާޓީތަކުގައި ރަޖިސްޓްރީ ވެފައި ތިބި މެމްބަރުންގެ ތެރެއިން ފިންގަޕްރިންޓް ހުށަނާޅާ މެމްބަރުން ޕާޓީތަކުގެ ދަފްތަރު އުނިކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ހައިކޯޓުން ވެސް ބުނެފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ސިޔާސީ ޕާޓީތަކަށް ވައްދާފައި ތިބި މެންބަރުންގެ އިނގިލީގެ ނިޝާން ޖަހަން ނުޖެހުނު ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނު އައިއިރު އޮތީ އިނގިލީގެ ނިޝާން ޖެހުމަށް ލާޒިމް ކޮށްފައެވެ. ނަމަވެސް މިދިޔަ 2015ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނު އައުމުގެ ކުރިން ޕާޓީތަކަށް ސޮއިކޮށްފައި ތިބި މެންބަރުން ވެސް އިނގިލީގެ ނިޝާން ޖަހަން ޖެހޭނެ ކަމަށެވެ. އަދި އެކަން ކުރުމަށް އިލެކްޝަނުން ވަކި މުއްދަތެއް އޭރު ދިނެވެ.

އިލެކްޝަނުން އެކަން އެގޮތަށް އެންގުމުން މިހާރު ވެރިކަން ހިންގާ މައިޕާޓީ އެމްޑީޕީ އަދި ޑީއާރްޕީން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ ހުށަހެޅީ އިލެކްޝަންސް ކޮމިޝަނުގެ އެ ނިންމުމަކީ ގާނޫނު އަސާސީގެ 59ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމަށް ބުނެއެވެ. ނަމަވެސް ސިވިލް ކޯޓުންވެސް އޭރު ހުކުމް ކުރީ އިލެކްޝަނާއި އެއްކޮޅަށެވެ. އެގޮތަށް ހުކުމް ކުރުމުން ހަމަ އެ ދެޕާޓީން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ހައިކޯޓުން ބުނީ ގާނޫނު އަސާސީގެ 59ވަނަ މާއްދާގެ (ހ) އަކީ ޖިނާއީ ކުށާއި އަދަބާއި ގުޅޭ މާއްދާއެއް ކަމަށެވެ. އިލެކްޝަނުން އެގޮތަށް ނިންމީ އެއްވެސް މީހަކު ކުށެއް ކޮށްގެން ނޫން ކަމަށާއި އެއީ އިދާރީ ކަމެއް ކަމަށް ހައިކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުގެ އެ ނިންމން ގާނޫނު އަސާސީ 59ވަނަ މާއްދާގެ (ހ)ގެ ދަށުން ބާތިލް ނުކުރެވޭނެ ކަމަށް ހައިކޯޓުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން އެގޮތަށް އަންގާއިވާއިރު 2016ވަނަ އަހަރު އޭރުގެ ރައްޔިތުންގެ މަޖިލީހުންވެސް ވަނީ އިނގިލީގެ ނިޝާން ލާޒިމްވާ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އެކަމުގެ ސަބަބުން އޭރު އެންމެ މީހުން ގިނަ ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ ދަފްތަރުން ގިނަ އަދަދެއްގެ މެންބަރުން އުނިވެގެން ދިޔައެވެ. އަދި ޕީޕީއެމް އޭރު އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި އޮތެވެ. ނަމަވެސް އަނެއްކާވެސް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަކީ އެމްޑީޕީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް