މުވައްޒަފުންނާއި މެންބަރުންނަށް އަންނަނީ ބިރުދައްކަމުން، ފިޔަވަޅު އަޅައިދޭ: އެމްޑީއެން

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓުގެ ސަބަބުން އެ ޖަމިއްޔާގެ މުވައްޒަފުންނާއި މެމްބަރުންނަށް މަރުގެ އިންޒާރު ދެމުން ގެންދާ ކަމ...

09 Oct 2019 | 17:46

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓުގެ ސަބަބުން އެ ޖަމިއްޔާގެ މުވައްޒަފުންނާއި މެމްބަރުންނަށް މަރުގެ އިންޒާރު ދެމުން ގެންދާ ކަމަށާއި އެކަމަށް އަވަސް ފިޔަވަޅެއް އަޅައި ދިނުމަށް އެދި އެޖަމިއްޔާއިން ގޮވާލައިފިއެވެ.

އެމްޑީއެންއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޖަމިއްޔާގެ މުވައްޒަފުންނާއި އެ ޖަމިއްޔާގެ މެންބަރުންނަށް ފުރައްސާރަކޮށް، މަރުގެ އިންޒާރު ދެމުން ގެންދާ ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދާ، ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާއަކަށް ގޮވާލައި ކަމަށެވެ.

އެޖަމިއްޔާއިން އިސްލާމްދީނާއި ރަސޫލާއަށް ބަދުބަސް ބުނެ ނެރުނު ރިޕޯޓާއި ގުޅިގެން މީގެކުރިންވެސް ވަނީ މައާފަށް އެދި، އެ ރިޕޯޓު އިސްލާހު ކުރުމަށް ކަމަށްބުނެ އަނބުރާ ގެންގޮސްފައެވެ. މިރޭގެ އެ ޖަމިއްޔާއިން ނެރުނު ރިޕޯޓުގައި ވެސް ވަނީ އެކަމަށް މައާފަށް އެދިފައެވެ. އަދި އެ ރިޕޯޓު އަނބުރާ ގެންގޮސް އެކަންކަން އިސްލާހު ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ. އަދި ބުނީ އެކަމުގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އެ ޖަމިއްޔާއިން އެއްބާރުލުން ދޭނެ ކަމަށެވެ.

އެ ޖަމިއްޔާގެ ރިޕޯޓުގައި ބުނީ ދީނީ ގޮތުން ހަރުކަށި ފިކުރު އޮތް ކަމާއި ޓެރަރިޒަމްގެ ހަރަކާތްތައް ހިންގާ ކަމާއި އެކަމުގައި ޒުވާނުން ޝާމިލި ކުރަމުން ގެންދާކަމީ އެ ޖަމިއްޔާއިން 2016ވަނަ ނެރުނު ދިރާސާއިން ފެންނަން އޮތް ނުރައްކާތެރި ކަންތައްތަކެއް ކަމަށެވެ. އަދި އެއީ ދިވެހި ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ސަމާލުވެ ހުއްޓުވަން ޖެހޭ މައްސަލައެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާއިރު ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ބަލަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. މި މައްސަލައާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އެ މައްސަލަ ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް