ކްރީގްލާގެ ރިޕޯޓު: ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއް، މަގާމުން ވަކިކުރޭ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ދުރު ނުކޮށްފި ކަމަށްވާ ނަމަ އެއީ ރާއްޖޭގެ ޑިމޮކްރަސީއަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލި "އެސެސްމަންޓް އޮފް ދަ ޖަސްޓިސް ...

09 Oct 2019 | 15:37

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ދުރު ނުކޮށްފި ކަމަށްވާ ނަމަ އެއީ ރާއްޖޭގެ ޑިމޮކްރަސީއަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލި "އެސެސްމަންޓް އޮފް ދަ ޖަސްޓިސް ސެކްޓާ ރިފޯމް ޕްރޮޕޯޒަލްސް" ރިޕޯޓުގައި ބުނެފި އެވެ.

މިއީ މުޅި ޝަރުއީ ދާއިރާގެ އޮޑިޓެއް ހެދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން އައްޔަންކުރި ކޮންސަލްޓަންޓް، ދެކުނު އެފްރިކާގެ ރިޓަޔަޑް ޖަސްޓިސް ޔޮހާން ކްރީގްލާގެ ރާއްޖޭގެ ޝަރުއީ ދާއިރާ ދިރާސާ ކުރެއްވުމަށްފަހު އެކުލަވާލާފައިވާ ރިޕޯޓެކެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި މުޅި ޝަރުއީ ދާއިރާގެ އޮޑިޓެއް ހަދައި، އެ ދާއިރާގެ ހިންގުން ހަރުދަނާކުރުމަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް ވައުދުވެފައިވާ ކަމެކެވެ.

އެ ރިޕޯޓުގައި ކްރީގްލާ ވިދާޅުވެފައި ވަނީ ރިޕޯޓުގައި ބުނީ ފާއިތުވެގެން ދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުން ގާނޫނާއި ހިލާފު އެތައް އަމަލެއް ކޮށްފައިވާ ކަމަށެވެ. އަދި އެކޯޓަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އޮތް ބިރެއްގެ ގޮތުގައި ކްރީގްލާގެ ރިޕޯޓުގައި ވަނީ ސިފަ ކޮށްފައެވެ.

އެ ރިޕޯޓުގައި ޝަރުއީ ދާއިރާއަށް ރާއްޖޭގެ ރައްޔިތުން އިތުބާރު ނުކުރާ އަދި އިތުބާރު ގެއްލިފައިވާ ވެސް އެންމެ ބޮޑު ސަބަބަކީ ސުޕްރީމް ކޯޓު ކަމަށް ވަނީ ބުނެފައެވެ. އަދި ސިޔާސީ އެތަކެއް ކަމެއް ކުރުމަށް ވެރިކަމުގައި އޭރު ހުންނަވާ ފަރާތްތަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބޭނުން ހިފާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ހާއްސަ ގޮތެއްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ރާއްޖޭގެ ސިޔާސީ މައިދާނުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުން ކަމަށް ވަނީ ބުނެފައެވެ. އަދި އެ އަމުރާއި ގުޅިގެން ހިނގާދިޔަ ހުރިހާ ކަމެއްގެ ޒިންމާ އެ ކޯޓުން ނަގަންޖެހޭނެ ކަމަށްވެސް ކްރީގްލާގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓަށާއި ޝަރުއީ ދާއިރާއަށް ކުރަމުން އަންނަ ތުހުމަތުތަކާއި ގުޅިގެން ކްރީގްލާ ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ ފަނޑިޔާރުންނާއި ވެސް ބައްދަލު ކުރައްވާފައެވެ. އޭނާ ވަނީ އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކަށް ރިއާޔަތް ކުރައްވާ އެ މަގާމުގައި ފަނޑިޔާރުން ނުބަހައްޓާ، އެ މަގާމުން އެވެރިން ދުރު ކުރުމަށް ލަފާ ދީފައެވެ.

ސުޕްރީމް ކޯޓުން އެ ކޯޓަށް ލިބިދީފައިވާ ނުވާ ބާރުތަކުގެ ބޭނުންވެސް ހިފާފައިވާކަން ފާހަގަކުރައްވާ ރިޕޯޓުގައި ކްރީގްލާ ވަނީ ސުޕްރީމް ކޯޓުން އަމިއްލައަށް އިސްނަގައިގެން ބަލާ މައްސަލަތައް ބަލައި ނުގަންނަ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ އެ ކޯޓަށް ލިބިދީފައިވާ ބާރެއް ނޫން ކަމަށް ރިޕޯޓުގައިވެއެވެ.

މި ރިޕޯޓުގައި ކްރީގްލާ ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) އެ ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ލަފާ ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް