ސުޕްރީމް ކޯޓުގެ އިހުތިސޯސުން ބޭރުން ކޮށްފައިވާ ކަންކަމުގައި ބައިވެރިވިވެވަޑައިގެންނެވި އެ ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.
ނަމަވެސް ޖޭއެސްސީން ބަލަނީ ސުޕްރީމް ކޯޓުގެ ކޮން ފަނޑިޔާރުންގެ މައްސަލައެއް ކަމެއް ހާމައެއް ނުކުރެއެވެ. އެ ކޮމިޝަނުން ބުނީ ބެލުމަށް ނިންމާފައިވަނީ އެ ކޮމިޝަނުން އެކުލަވާލި ސުޕްރީމް ކޯޓުގެ ރިޕޯޓުގައި އެ ކޯޓުގެ އިހްތިސޯސުން ބޭރުން ކޮށްފައިވާ ކަންކަމުގެ މައްސަލަތައް ކަމަށެވެ.
ޖޭއެސްސީން ބުނީ ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލަރ މަސައްކަތް ފުރިހަމަ ކުރުމަށްފަހު ހުށަހަޅާފައިވާ "އެސެސްމެންޓް އޮފް ދަ ޖަސްޓިސް ސެކްޓަރ ރިފޯމް ޕްރޮޕޯޒަލްސް" ރިޕޯޓްގައު ފާހަގަކޮށްފައިވާ ނުކުތާތަކަށް ވެސް ރިއާޔަތް ކޮށްފައިވާނެ ކަމަށެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރުންގެ އެ މައްސަލަ ބަލަމުންދާއިރު އިހްތިސޯސުގެ ބޭރުން އިތުރު ކަމެއް ކޮށްފައިވާކަން އެ ކޮމިޝަނަށް ފާހަގަކުރެވިއްޖެ ނަމަ އެ މައްސަލައެއް ވެސް ބަލާނެ ކަމަށެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓް އާންމުކޮށް ރައްޔިތުންގެ މަޖިލީހަށް ހިއްސާކޮށްފައިވެ އެވެ. އެ ރިޕޯޓްގައިވާ ގޮތުން 17 މައްސަލައެއް ފާހަގަކޮށްފައިވެ އެވެ.
ރިޕޯޓުގައި ފާހަގަކުރި ސުޕްރީމް ކޯޓުން ހިލާފުވި "ބައެއް" ކަންކަން
- ރައްޔިތުންގެ މަޖިލީހާއި ޖޭއެއްސީއަށް ލިބިފައިވާ ބާރުތަކެއް ސުޕްރީމް ކޯޓުން ހަނިކޮށް، މަޖިލީހާއި ޖޭއެއްސީގެ މަސައްކަތަށް ހުރަސްއެޅުން
- ޖޭއެއްސީގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ބ) އުވާލައި އަދުލު އިންސާފު ގާއިމްކުރުމުގެ އިދާރީ ކަންކަން ހިންގައި ބެލެހެއްޓުމާއި ސުޕްރީމް ކޯޓުން ހަވާލުވުން
- ކޯޓު ތަކުގެ ގާނޫނުގެ އަށް ވަނަ ބާބުގެ 82 ވަނަ މާއްދާއިން ފެށިގެން 94 ވަނަ މާއްދާއަށް އުވާލުން
- ވަކީލުންގެ ކަންކަން ރެގިއުލޭޓް ކޮށް ބެލެހެއްޓުމަށް ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުން
- ގާނޫނީ ވަކީލުންނަށް ރާއްޖޭގެ ކޯޓު ތަކުގައި މަސައްކަތް ކުރުން މަނާ ކުރުން
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަން ނިންމާފައިވާއިރު އިއްޔެ އެ ކޮމިޝަނުން ވަނީ އެ ކޯޓުގެ ތިން ފަނޑިޔާރަކަށް ނަސޭހަތް ދިނުމަށް ވެސް ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް