ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކުރާ ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދުން ޗައިނާގެ އެމްބަސީ ޤާއިމް ކުރަން ދިވެހި ސަރުކާރުން ބިން ދޫކޮށްފި އެވެ.
ޗައިނާގެ އެމްބަސީ އަށް ބިން ހަވާލުކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. މި ލިޔުމާއި ޗައިނާގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިއޮންއެވެ.
ފޮރިން މިނިސްޓްރީން ބުނީ ޑިޕްލޮމެޓިކް އެންކްލޭވްއެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައަޅައި، ރާއްޖޭގައި ޤާއިމްކޮށްފައިވާ ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް އެސަރަހައްދުގައި ޤާއިމްކުރުމަށް ނިންމާފައިވަނީ އެހެން ގިނަ ޤައުމުތަކެއްގައިވެސް އެކަން ކުރާ އުޞޫލުން، އެމްބަސީތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ފަސޭހަޔަކަށް ކަމަށެވެ.
އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވް ޤާއިމްކުރެވެނީ މާލޭއަކީ މިހާރުވެސް ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަނަކަށްވުމާއިއެކު، ރާއްޖޭގައި ކުރިއަށް އޮތްތަނުގައިވެސް ގިނަ ޤައުމުތަކެއްގެ ޑިޕްލޮމެޓިކް މިޝަންތައް ހުޅުވޭއިރު، ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވާނެތީ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
ޗައިނާގެ އިތުރުން މީގެކުރިން ވަނީ އިންޑިޔާ އާއި ސްރީލަންކާ އަދި ބަންގްލަދޭޝްއަށް ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް