ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން ކުރުމުގެ ކުށުގެ ދައުވާގެ ހުކުމް ކުރުން އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ކަމަށް ޝަރީއަތުން ކަނޑައަޅައިފިއެވެ.
ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި މުއްދަތުގެ މާލީ ބަޔާން ރައީސް ޔާމީން އޮޑިޓާ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މާލީ ބަޔާނުގައި އެސްއޯއެފް އެކައުންޓުން ރައީސް ޔާމީންގެ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރުގެ ވާހަކަ ހިމަނާފައިވާ ކަމާއި އެ އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރްސީގެ ފައިސާއިން ދިން ކަމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ބުނެފައިވާ ފައިސާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ހަމައެއާއެކު އެ ފައިސާއަކީ އެސީސީގެ އެންގުމުގެ މަތިން ބީއެމްއެލްގެ އެކްސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއެއް ކަމަށްވެސް ރައީސް ޔާމީންގެ މާލީ ބަޔާނުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވާ ކަމަށް ދައުލަތުން ހާމަކުރެއެވެ. މިއާއެކު ދައުލަތުން ބުނީ ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ އެސްއޯއެފްއަކީ އެމްއެމްޕީއާރްސީއާ ގުޅިގެން ހިޔާނާތުގެ އަމަލުތަކެއް ހިންގާފައިވާ ކުންފުންޏެއްކަން އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގުން ސާބިތުވާ ކަމަށެވެ.
ނަމަވެސް ދައުވާ ލިބޭ ޔާމިންގެ ވަކީލުންގެ ޓީމުން ހުށަހެޅުއްވި ހުލާސާ ބަޔާނުގައި ވިދާޅުވީ ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދަޢުވާ ސާބިތުކުރުމަށް ބޭނުންވާވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާކަމަށެވެ. އަދި އެމައްސަލައަކީ ފުރިހަމައަށް ތަހްގީގުކުރެވިގެން ހުށައަޅާފައިވާ މައްސަލައަކަށް ނުވާކަމަށާ، އެމައްސަލާގައި ޔާމީނާ ދެކޮޅަށް ހެކިބަސްދިން މީހުންނަކީ އަދުލުވެރިކަމެއް ނެތް ފާސިގުން ކަމަށް ވިދާޅުވެފައިވެއެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން އެސްއޯއެފް ކުންފުނިން އެއްމިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެފައިސާއަކީ އަމިއްލަ ފައިސާކަމަށް ބުނެ އޭސީސީއާއެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރި މައްސަލާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް