ގާނޫނާއި ހިލާފު އެއްވެސް ކަމެއް ނުކުރަން، ޒިންމާ އަދާކުރީ އިހްލާސްތެރިކަމާއި އެކު: ޝަހީބް

މަގާމުގައި ހުންނެވި ގާނޫނާއި ގަވާއިދުތަކާއި ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައިވާ އެ ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ޝަހީ...

09 Oct 2019 | 10:13

މަގާމުގައި ހުންނެވި ގާނޫނާއި ގަވާއިދުތަކާއި ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައިވާ އެ ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވެއްޖެއެވެ.

ޝަހީބްގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައި ވަނީ ބްރޯޑްކާސްްޓިން ކޮމިޝަނުގައި އޭނާ ހޭދަ ކުރެއްވި ދުވަސްތަކުގައި އޭނާ އަމަލު ކޮށްފައިވާނީ ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އޭނާ ވިދާޅުވީ އެ މަގާމުގައި އޭނާ މަސައްކަތް ކުރަމުން އައީ، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި، އެއާ ގުޅިގެން ހަދައިފައިވާ ގާނޫނުތަކާއި، އިސްލާމް ދީނާއި ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި، ރާއްޖޭގެ އެހެން ގާނޫނުތަކާ އެއްގޮތަށް، ތެދުވެރިކަމާއި އިޚުލާސްތެރިކަމާ އެކުގައި، ވަކި ބަޔަކަށް ތަފާތުކުރުމެއް ނެތި، މީޑިއާގެ މިނިވަންކަމަށް ތަރުހީބު ދީގެން ކަމަށެވެ.

ނަމަވެސް، ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާ ހުރިހާ ނިންމުންތަކަކީ ކޮމިޝަންގެ އަގުލަބިއްޔަތުން ނިންމާ ނިންމުންތަކެއް ކަމުން، އަދި އެ ހުރިހާ ނިންމުންތަކަކީ އޭނާއަށް ތާއީދު ނުކުރެވޭ ނިންމުން ތަކެއް ކަމަށް ވީ ނަމަވެސް، ރިޔާސަތު ބަލަހައްޓާ މީހެއްގެ ހައިސިއްޔަތުން އޭނާއަށް ގާނޫނު ލާޒިމްކުރަނީ އަގުލަބިއްޔަތަށް ތަބާވެ، އެ ނިންމުންތައް ތަންފީޒުކުރުމަށް ކަމަށާއި، އެނޫން ގޮތަކަށް ކަންތައް ކުރުމަކަށް ގާނޫނާއި ގަވައިދު ތަން ނުދޭ ކަމަށް ޝަހީބްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ޝަހީބް ވިދާޅުވީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން އޭނާ ވަކި ކުރަން ނިންމާފައިވަނީ އިންސާފުގެމަގު"ން އެއްކިބާވެ ނިންމަވައިފައިވާ، ގާނޫނު އަސާސީއާ ހިލާފު، ނާއިންސާފު ނިންމެވުމެއް ކަމަށެވެ. ޝަހީބު އިސްތިއުފާ ދެއްވާފައި މިވަނީ ރައްޔިތުން މަޖިލީހުން މިއަދު އޭނާ މަގާމުން ވަކި ކުރަން ނިންމާފައި ވަނިކޮށެވެ. އެ މައްސަލަ މިއަދު އޮތް މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ވެސް ކޮށްފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްއާ ނާއިބު ރައީސް ވަކި ކުރަން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމާފައިވާއިރު، އެ ކޮމިޝަންގެ ދެ މެންބަރުން ކަމަށްވާ ސްމާއީލް ސޮފްވާން އާއި ހަސަން ނަބާހް ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް