ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތައް މަޖިލީހުގެ ފަރާތުން ޑްރާފްޓު ކުރަމުން ދަނީ ސަރުކާރުން އަންގައިގެން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު "ދުވަސް"އަށް މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުން ބިލްތައް ޑްރާފްޓު ކުރަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެގެން ކަމަށް ބުނެ ދައްކަމުން ގެންދަނީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އަދި ރައީސް ސޯލިހު އެފަދައިން އަންގަވާ އެއްވެސް ފަރާތަކަށް ސިޓީއެއް ނުފޮނުއްވާ ކަމަށް ހޫދު ވިދާޅުވިއެވެ.
"ރައީސު ސިޓީފުޅެއް ފޮނުއްވީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވާ ކަންކަން އަވަސް ކޮށްދެއްވުމަށް އެދި، އެކަމަކު މަޖިލީހުން ބިލްތައް ޑްރާފްޓު ކުރާކަށް ނާންގާ، އެއީ ރަނގަޅު ވާހަކައެއް ނޫން،" ހޫދު ވިދާޅުވިއެވެ.
ހޫދު މިފަދައިން ވިދާޅުވިއިރު ރައްޔިތުން މަޖިލީހުގެ ގާނޫނީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެފައި ވަނީ މަޖިލީހުން ބިލްތައް ޑްރާފްޓު ކުރަނީ އެކަން އެގޮތަށް ކުރުމަށް ރައީސް އަންގަވާފައިވާތީ ކަމަށެވެ. އަދި އެގޮތަށް ރައީސް އެންގެވިކަން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.
ނަޝީދު ގޮތްދުލެއް ނުކުރޭ:
ކަން މިހެން އޮތް ނަމަވެސް، ގާނޫނުތައް ހެދުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތެއް މަޖިލީހުގެ ތެރެއިން ކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށާއި އެއީ ގާނޫނު އަސާސީއިން މަޖިލީހަށް ލިބިދީފައިވާ ބާރެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު ވިދާޅުވެފައެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވާ، މި ދައުރުގެ ތެރޭގައި 20 ބިލެއް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ބޭނުންވާ ކަމަށް ބަޔާންކޮށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމަނިކުފާނަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. އެ ސިޓީގައި ބަޔާންކޮށްފައިވާ ބިލްތަކުގެ ތެރެއިން، ސީދާ މަޖިލީހަށް އެބިލްތަކުގެ މަސައްކަތް ކުުރުމަށް ޖާގަ ނުދެނީ އާމްދަނީއާ ގުޅުން ހުރި، އިންކަމް ޓެކުހުގެ ބިލާއި ވަޒީފާ ހޯދާ ފަރާތްތަކަށް އެލެވަންސް ދިނުމުގެ ބިލްގެ މަސައްކަތް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ވެސް މަޖިލީހަށް ބިލްތައް ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދުގައި ލިޔެފައި ވަނީ، މަޖިލީހުގައި އަގުލަބިއްޔަތު ނޯންނަ ރައީސުލްޖުމްހޫރިއްޔާއެއް ހުންނަ ހާލަތުގައި ވެސް ގާނޫނު ހެދުމަށް ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ. އަދި މަޖިލީހުގައި އަގުލަބިއްޔަތު އޮންނަ ޕާޓީއެއްގެ ރައީސުލްޖުމްހޫރިއްޔާއެއް ހުންނަ ހާލަތުގައި ވެސް، ސަރުކާރުން މަޖިލީހަށް ބިލް ހުށަހަޅަން ޖެހެނީ އެބޭފުޅާ ނިސްބަތްވާ ޕާޓީ މެދުވެރިކޮށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް