މާލެ މީހުންނާއި ރާއްޖެތެރޭ މީހުންގެ ބަހުސް ހޫނުވެ، ރާއްޖެތެރެ މެންބަރުން ރަތަށް!

މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދޭން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު (ބޮންޑޭ) ވިދާޅުވުމުން އަތޮޅުތަކަށް ނިސްބަތްވާ މެމްބަރުން ހިތްހަމަނުޖެހިއްޖެއެވެ. ލާމަރުކަޒީ ނ...

09 Oct 2019 | 08:52

މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދޭން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު (ބޮންޑޭ) ވިދާޅުވުމުން އަތޮޅުތަކަށް ނިސްބަތްވާ މެމްބަރުން ހިތްހަމަނުޖެހިއްޖެއެވެ.

ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށް އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން މުހައްމަދު ރަޝީދު (ބޮންޑޭ) ވިދާޅުވީ މާފަންނު މެދު ދާއިރާގައި 50 އަހަރާއި 60 އަހަރާއި ދެމެދު ތިބި އާއިލާތައް އެބަތިބި ކަމަށެވެ. އަދި މިހާރު އާ ޖީލުގެ މުސްތަގުބަލާއި ގުޅޭ ގޮތުން ދަންނަވާނެ އެއްޗެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ މަޖިލީހަށް ހޮވީ ރައްޔިތުންނަށް "ގޯތި ދޭނަމޭ ބުނުމުން" ކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހުޅުމާލޭގައި ބިން އެބައޮތް ކަމަށާއި އެ ބިމުން މާލެ ރައްޔިތުންނަށް ވެސް ބިން ހައްގުވާ ކަމަށެވެ.

"ހުޅުމާލޭގައި މިހާރު އެއޮތް ބިންވެސް ދޭކަށް ބެނުމެއް ނުވޭ. ބައެއް މިނިސްޓަރުން ބުނާނެ ދެވޭކަށް ނެތޭ. އަޅުގަނޑު މިބުނަނީ އަތުލާނަމޭ." މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

މުހައްމަދު ރަޝީދުގެ އެ ވާހަކައާ މެދު ހިތްހަމަ ނުޖެހި ވާހަކަފުޅުދައްކަވަމުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ މިއޮތް ހުރިހާ ދުވަހު ހުޅުމާޅެ ހިއްކީ ހުރިހާ ރައްޔިތުންގެ ފައިސާއިން ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެއީ ވަކި ބަޔަކަށް ލިބެންޖެހޭ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާލެ މީހުންނަށް ހުޅުމާލެއިންނާއި ގުޅީފަލޫން ބިން ދިނުމާއި މެދު ދެކޮޅު ހަދާ ކަމަށެވެ. ރާއްޖެތެރޭ ރައްޔިތުން ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ލިބެންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އަތޮޅުތަކަށް ނިސްބަތްވާ މެމްބަރުން ވަނީ މަޖިލީހުގައި ވާހަކަ ދައްކާފަ އެވެ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އިއްޔެ ވިދާޅުވީ ހުޅުމާލެ ހިއްކާފައި އޮތީ ހުރިހާ ދިވެހި ރައްޔިތުންގެ ފައިސާއިން ކަމަށެވެ. އެހެންވީމަ ހުރިހާ ދިވެހި ރައްޔިތުންނަށް ހުޅުމާލެއިން ބިން ލިބެން ޖެހޭ ކަމަށް ސިރާޖު ވިދާޅުވި އެވެ.

"ހުޅުމާލެއަކީ ރައްޔިތުންގެ ލާރިން ހިއްކާފައި އޮތް ބިމެއް. ހުޅުމާލެއިން ހިލޭ މާލެ ރައްޔިތުންނަށް ބިން ލިބޭ ކަމަށް ވަންޏާ ރާއްޖެތެރޭ ރައްޔިތުންނަށްވެސް ލިބެންޖެހޭނެ." މޫސާ ސިރާޖު ވިދާޅުވި އެވެ.

ރާއްޖޭގެ ރަށެއްގައި ކަމެއް ކުރަން ބޭނުންވާ ކަމަށް ވާނަމަ މާލެއިން ހުއްދަ ނަގަންޖެހޭ ކަަށާއި އެކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ސިރާޖު ވިދާޅުވިއެވެ. ރަށްރަށުގައި ދިރިއުޅޭ މީހުން ބޭނުންވާ ކަމެއް ކުރުމުގެ ފުރުސަތު އެ ރައްޔިތުންނަށް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ މާލޭ ރައްޔިތުންނާ ރާއްޖެތެރޭ މީހުންނާ ތަފާތުކޮށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ނުދެއްކޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ހުޅުމާލެއަކީ ހަމައެކަނި މާލޭ މީހުންގެ ތަނެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ އެންމެންގެ ތަނެއް ކަމަށެވެ. ރާއްޖެ ތެރޭ މީހުންނަކީ ގާބިލު ބައެއްކަން ފާހަގަކޮށް ޔައުގޫބު މިސާލު ނެންގެވީ މަޖިލިސް ތެރެއިންނެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ 75 މެންބަރުންނަކީ ރާއްޖެތެރޭ މެންބަރުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް