ކުޑަދޮރުން އަރައިގެން އަހަރެންގެ ކޮޓަރިއަށް މިރޭ ވެސް އެސޮރު އައިސް ވަދެއްޖެ އެވެ. އައިސް ގުޅާވަރުން ދޮރު ނުހުޅުވާ ކެތްވަނީއެއް ނޫނެވެ. ދަންވަރަށް ބައެއް ރޭރޭ އޭނަ އައިސް ބުނުމުން އަހަރެން ކޮތަރިއަށް ވައްދަމެވެ. ދެމީހުންގެ މެދުގައި އެއްވެސް ކަހަލަ ނޭދެވޭ ގުޅުމެއް ނުހިންގަމެވެ. ހަމަ ވާހަކަ ދައްކަން ތިބެނީ އެވެ. އެކަން ގަބޫލު ނުކުރިޔަސް ހެވެވެ.
އެރޭ ދަންވަރު އަހަރެން ކައިރިއަށް އޭނާ އައީ ގަޑިން އެކެއް ޖެހިފަހުންނެވެ. މިރޭ އަހަރެމެން ތިބީ ފިލްމެއް ބަލާށެވެ. ހެޑްސެޓުގެ އެއް ކަންފަތަށް އަޑު ނީވޭތީ ދެމީހުން ތިބީ ހެޑްސެޓް ނުޖަހައި ފިލްމް ބަލާށެވެ. މަޖާ ފިލްމެއް ކަމުން ދެމީހުން ބިނދިބިނދިފައި ހެމުން ދިޔައީމެވެ.
ކޮޓަރީގެ ތަޅު އެނބުރި ދޮރު ހުޅުވުނު އަޑަށް އަހަރެންގެ ދެލޯ ނިކަން ބާރަށް ހުޅުވިއްޖެ އެވެ. ސިއްސައިގެން ދިޔަ ވަރުން އަހަރެންނަށް އެނދުމައްޗަށް ކޮޅަށް ތެދުވެވިއްޖެ އެވެ. އޭނާ ވެސް ސިއްސައިގެން ދިޔަވަރުން ލެޕްޓޮޕް އަތައް ނަގައިގެން އެނދުން ތެދުވެ ހުރީ ކޮޅަށެވެ.
ބައްޕަގެ ރަތް ދެލޯ އަހަރެމެން ދެމީހުންނަށް އަމާޒުވި ވަގުތު ހަދާނެ އެއްޗެއް ނޭންގިގެން އަހަރެން އެނދުމަތީ ފުމެން ފަށައިފީމެވެ.
"ވަގެއް!! ވަގެއް!! ބައްޕާ ވަގެއް!! ވަގެއް!!" ނިކަން ބާރަށް އަހަރެން އެދުމަތީ ފުމެމުން އަތް އުކަމުން ދިޔައީމެވެ. އަތުގެ އިޝާރާތުން ކުރިމަތީގައި ހުރި އަހަރެންގެ ލޯބިވެރިޔާ ދައްކަމުން އަހަރެން ހަމަ ހުއްޓާނުލައި ގޮވަމުން ދިޔައީމެވެ.
"ބައްޕާ އަވަހަށް ފުލުހަށް ގުޅާބަލަ... ވަގެއް!! ވަގެއް!!"
ބައްޕަވެސް އަދި އޭނާ ވެސް ހުރީ އަހަރެންނަށް ބަލަހައްޓައިގެންނެވެ. ކައިރީ ހުރި ފިހިގަނޑު ނަގައި އަހަރެންގެ ފައިގައި ބައްޕަ ޖަހައިލުމުން އެނދުމައްޗަށް ވެއްޓިއްޖެ އެވެ. އެސޮރު ބިރުން އަވަހަށް ލެޕްޓޮޕްގަނޑު އެނދުމައްޗަށް ދޫކޮށްލުމަށްފަހު ކުޑަދޮރުން ފުންމައިލައިގެން ދުވެ ފިލައިފިއެވެ.
އަހަރެން އޭނާ އާއި ރައްޓެހިވެގެން އުޅޭކަން މިރަށު ރައްޔިތުންނަށް އިނގޭނެއެވެ. އަހަރެން ޖެއްސި އެކްޓް ބައްޕަ ގަބޫކު ނުކުރާނެކަން ވެސް ރޭކާލީ މާ ފަހުންނެވެ.
"ފުލުހުންނާ ހަވާލުކުރާނީ ކަލޭ.. ނުލަފާ ކުއްޖާ!!" ބައްޕަ އަހަރެންގެ ފައިގައި އަނެއްކާވެސް ފިހިގަނޑުން ޖަހައިލިއެވެ. އަދި އަހަރެންގެ ކަންފަތުގައި ނިކަން ބާރަށް ހިފައިފިއެވެ.
"އަދި ވައްދާނަންތަ ފިރިހެނުން ކޮޓަރިއަށް؟ އޭން؟ ވައްދާނަންތަ؟" ދަތްކުނޑި ވިކާލައިފައި ބައްޕަ ސުވާލުކުރީ ނިކަން ބާރަށެވެ.
"ނޫން... ނޫން... އާހ!! ނޫނެކޭ" އަހަރެން ވެސް އަޑުގެ ނެތްތަނަށް ހޭރެމުން ދިޔައީމެވެ.
އަނެއްދުވަހު ހެނދުނު އަހަރެންގެ ކޮޓަރީގެ ކުޑަދޮރުގައި ދާޖަހައި މީހަކަށް ނުވަދެވޭނެހެން ބައްޕަ ބަންދުކޮށްފިއެވެ. ވީގޮތް މިހާރު އެނގިއްޖެ ހެއްޔެވެ؟
(ނިމުނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް