ޓޯވ ކުރާ އުޅަނދުތަކާއި ދެ މަސްތެރޭ ހަވާލުނުވެއްޖެ ނަމަ ނައްތާލަނީ

ޤަވާއިދާ ޚިލާފަށް ޕާކުކޮށްގެން ޓޯވ ކުރާ އުޅަނދުތަކާއި ދެ މަސްދުވަހުގެ ތެރޭގައި ހަވާލު ނުވެއްޖެ ނަމަ އެތަކެތި ޤަވާއިދުގެ ދަށުން ނައްތައިލާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ. ޤަވާއިދާ ޚިލާފަށް ޕާކުކޮށ...

09 Oct 2019 | 05:52

ޤަވާއިދާ ޚިލާފަށް ޕާކުކޮށްގެން ޓޯވ ކުރާ އުޅަނދުތަކާއި ދެ މަސްދުވަހުގެ ތެރޭގައި ހަވާލު ނުވެއްޖެ ނަމަ އެތަކެތި ޤަވާއިދުގެ ދަށުން ނައްތައިލާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ޤަވާއިދާ ޚިލާފަށް ޕާކުކޮށްގެން މިހާތަނަށް 10 ސައިކަލަކާއި ކާރެއް ޓޯވ ކޮށްފައިވާ ކަމަށް ފުލުހުން ނެރެފައިވާ އިއުލާނެއްގައި ވަނީ ބުނެފައެވެ. އެތަކެތީގެ މައުލޫމާތު އާންމުކުރަން ނެރުނު އިއުލާނުގައި ފުލުހުން ވިދާޅުވީ، މިއުޅަނދުތަކުގެ ވެރިފަރާތުން 60 ދުވަހުގެ ތެރޭގައި މިތަކެއްޗާއި ހަވާލުނުވެއްޖެ ނަމަ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ނައްތައިލެވޭނެ ކަމަށެވެ.

ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯވ ކުރަން ފުލުހުން ނިންމާފައި ވަނީ ސްޓިކާ ޖެހުމުން ވެސް ޤަވާއިދާ ޚިލާފަށް ޕާކުކުރުން މަދުވެފައި ނުވާތީ އެވެ.

އެގޮތުން ބައެއް ޚާއްސަ ސަރަހައްދުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކުރާނަމަ އުޅަނދުތައް ޓޯވ ކުރެވޭނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވިގޮތުގައި، ބޮޑުތަކުރުފާނު މަގުގެ މެހެލި ގޯޅި ހިސާބާއި، އެމްޓީސީސީ ފެރީޓާމިނަލް ކުރިމަތިން ފެށިގެން އެމަގުގައި ހުންނަ ބީއެމްއެލްގެ އޭޓީއެމްއާ ދެމެދުގެ ސަރަހައްދާއި، އަމީނީމަގު ބީއެމްއެލް ކަސްޓަމަރ ސަރވިސް ސަރަހައްދާއި، ކަނބާއައިސާ ރަނި ހިނގުމުގެ އައިޖީއެމްއެޗް ހިމެނޭ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް ޕާކުކުރެވޭ އުޅަނދުތައް ޓޯވ ކުރާނެ ކަމަށެވެ.

އަދި މި ނޫނަސް އެހެން ސަރަހައްދުތަކުގައި ވެސް އެފަދައިން ޕާކު ކުރާނަމަ އުޅަނދުތައް ޓޯވ ކުރާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް