ޔާމީނުގެ ޝަރީއަތުގެ ޚުލާސާ ބަޔާން އިއްވުން މިއަދު 13:00 ގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ ޚުލާސާ ބަޔާން އިއްވުން މިއަދު 13:00 އަށް ތާވަލު ކޮށްފިއެވެ. މިއަދުގެ އަޑުއެހުމަކީ މި މައްސަލައިގެ އެންމެ ފަހު އަޑުއެހުމެވެ. ޔާމީންގެ މައްޗަށް އުފުލާފައިވާ މަނ...

09 Oct 2019 | 04:40

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ ޚުލާސާ ބަޔާން އިއްވުން މިއަދު 13:00 އަށް ތާވަލު ކޮށްފިއެވެ.

މިއަދުގެ އަޑުއެހުމަކީ މި މައްސަލައިގެ އެންމެ ފަހު އަޑުއެހުމެވެ. ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ އެންމެފަހުގެ އަޑުއެހުމުގައި ޚުލާސާ ބަޔާން އިއްވާނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށް މައްސަލަ ބައްލަވާ ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމް ވިދާޅުވި ނަމަވެސް، މިއަދަށް ވަނީ އަވަސްކޮށްފައެވެ. އެންމެ ފަހުން ޔާމީން ގެ ޝަރީއަތެއް ބާއްވާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެދުވަހު ވަނީ ހެކިބަސް ނެގުމުގެ މަރުހަލާ ނިންމާފައެވެ.

މިއަދު މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވި ނަމަވެސް ޙުކުމް އިއްވާނީ އެހެން އަޑުއެހުމެއްގައެވެ. 30 ދުވަހުގެ ތެރޭގައި ޙުކުމް އިއްވަން ޖެހޭނެ އެވެ. ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ، އަދަބާއި ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އިތުރު އަޑުއެހުމެއް ބާއްވާނެ އެވެ.

މި ދައުވާއަކީ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފްގެ ދެ ޗެކަކުން ޖަމާކުރި އެއް މިލިޔަން ޑޮލަރުގެ މައްސަލައިގެ ދައުވާއެވެ. އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮތް ސޭވިން އެކައުންޓަކަށް އެ ފައިސާ ޖަމާކުރުމަށްފަހު ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް އެ ފައިސާ ޖަމާކުރި ކަމަށް ދައުލަތުގެ ދައުވާގައިވެއެވެ.

މަނީ ލޯންޑަރިން މައްސަލަ ރައީސް ޔާމީންގެ މައްޗަށް ސާބިތު ވެއްޖެނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް