މަރުގެ މައްސަލައަކާއި ގުޅިގެން ހިންމަފުށިން ދެމީހަކު ހައްޔަރުކޮށްފި

މަރުގެ މައްސަލައަކާއި ގުޅިގެން ކ ހިންމަފުށިން ދެމީހަކު ހައްޔަރުކޮށްފައިވާކަމަށާއި މަރުގެ މައްސަލަތަކާއި ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގާ މައްސަލަތައް ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކ...

09 Oct 2017 | 16:28

މަރުގެ މައްސަލައަކާއި ގުޅިގެން ކ ހިންމަފުށިން ދެމީހަކު ހައްޔަރުކޮށްފައިވާކަމަށާއި މަރުގެ މައްސަލަތަކާއި ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގާ މައްސަލަތައް ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިވަނީ މިރޭ ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ފުލުހުން ބުނެފައިވަނީ މި އަހަރުގެ ޖުލައިމަހުން ފެށިގެން ހުނގަމުންދާ މާރާމާރީއާއި ރޭވިގެން ހިންގާ ކުށްތައް، ހާއްސަކޮށް ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގާ މީހުން މެރުމުގެ މައްސަލަތައް ހުއްޓުވުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް މިދަނީ ކުރަމުން، މި މައްސަލަތަކުގެ ތަހުގީގަށް މިހާތަނަށް 50 މީހުން ހައްޔަރުކޮށށް، އޭގެ ތެރެއިން ބައެއް މީޙުންގެ ޝަރީއަތް ފެށިގެން ކުރިއަށްދާކަން ފާހަގަ ކުރާ ކަމަށެވެ. އަދި މި މީހުންގެ ތެރޭގައި މާރާމާރީ ހިންގައި މީހުން މެރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ މީހުން ހިމެނޭއިރު މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ ކުށް ސާބިތު ކުރުމަށް ބޭނުންވާ ހެއްކާ ގަރީރާތަކާއެކުކަންވެސް ފާހަގަކުރާ ކަމަށެވެ.

"މިގޮތުން، 2017 ޖުލައި 31 ވަނަ ދުވަހު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވިގެން ހޯދަމުންދިޔަ އެންމެން މިހާރު ވަނީ ހައްޔަރު ކުރެވިފަ އެވެ. މި މައްސަލާގައި ހޯދަމުންދިޔަ މ ލޮނުމިދިލިގެ އަފްރާހް އަބްދުއްރައްޒާގު ވަނީ އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ވަނީ 15ދުވަހުގެ މުއްދަތެއް ދީފައެވެ" ފުލުހުންގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މި މައްސަލައިގެ އިތުރުން 2017 ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެރޭ ހުޅުމާލޭ ހާފްވޭ ހައުސް ކައިރިން ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލާފައިވާ މައްސަލައާއި ގުޅިގެން އެކަމުގައި އަމަލީގޮތުން ބައިވެރިވި މީހަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުންދާއިރު މާރާމާރީގެ އެހެން މައްސަލަތައްވެސް ދަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށާއި މީގެ އިތުރުން ރޭ ކ ހިންމަފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ މަރުގެ މައްސަލައަކާ ގުޅިގެން ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައި ކަމަށެވެ. ނަމަވެސް އެއީ މަރުގެ ކޮން މައްސަލައަކާއި ގުޅިގެން ކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މާރާމާރީއާއި ރޭވިގެން ހިންގާ ކުށްތައް، ހާއްސަކޮށް ތޫނު އެއްޗެހި ބޭނުންކޮށްގެން ނުރައްކާތެރި ޖަރީމާތައް ހިންގުމަށްފަހު އެއްވެސް ފަރާތަކަށް ފިލާ ނުތިބެވޭނެކަމާއި މިފަދަ ނުރައްކާތެރި އަމަލުތައް ހިންގާ ފަރާތްތައް ހޯދައި، އެފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ ތަހުގީގުތައް ހިންގައި ޝަރީއަތަށް ހުށަހަޅާނެކަން، މިފަދަ ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތަކަށް އަންގާ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ތަހުގީގުކުރުމުގައި ވަކި ފަރާތަކަށް ނުޖެހި ސާބިތުކަންމަތީ ފުލުހުން ދެމިތިބޭނެކަމުގެ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް