ލޯންޗެއް އަޑިއަށްދާތީ ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ

މާފުށްޓާއި އަނަންތަރަ ރިސޯޓާއި ދޭތެރެއަށް، ލޯންޗެއް އަޑިއަށްދާތީ މެރިން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ. ފުލުހުން ބުނެފައިވަނީ އެ ލޯންޗްގައި 18 މީހުން ތިބި ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ...

09 Oct 2017 | 15:12

މާފުށްޓާއި އަނަންތަރަ ރިސޯޓާއި ދޭތެރެއަށް، ލޯންޗެއް އަޑިއަށްދާތީ މެރިން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުން ބުނެފައިވަނީ އެ ލޯންޗްގައި 18 މީހުން ތިބި ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ލޯންޗަކީ ކ ގުރައިދޫން ވެލައްސަރަށް ދަތުރުކުރި ލޯންޗެއް ކަމަށާއި އެ ލޯންޗު ފަރަށް އަރައި ދިޔަވާން ފެށުމުން އެމްއެންޑީއެފްގެ ކޯސްޓްގާޑުންވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

"ކ ގުރައިދޫން ފުރައިގެން ވެލައްސަރު ރިސޯޓަށް 18 ދިވެހިންނާއެކު ދަތުރުކުރި ލޯންޗެއް ކ މާފުށި ކައިރީ އިން ތިލަޔަކަށް އަރައިގެން ލޯންޗް ދިޔަވަމުންދާތީވެ އެމްއެންޑީއެފް ކޯސްޓްގާޑުން އަންނަނީ ހަރަކާތްތެރިވަމުން، މިހާދިސާގެ ރިޕޯޓް މިރޭ ކޮށްފައިވަނީ 19:35ގައި" އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ އެ ލޯންޗަކީ ވެލައްސަރު ލޯންޗެއް ކަމަށެވެ.

އެ ލޯންޗުން ދަތުރުކުރި މީހުން ފުލުހުންގެ ލޯންޗަކަށް މިހާރު ނަގާފައިވާއިރު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް މައުލޫމާތު ލިބެ އެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ލޯންޗުގައި ތިބި މީހުންނަކީ ވެލައްސަރު ރިސޯޓުގެ މުވައްޒަފުންނެވެ. އެ މުވައްޒަފުންނަކީ މިއަދު ކ ގުރައިދޫ ޒުވާނުންނާއެކު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅުމަށް ގުރައިދުއަށް ދިޔަ ބައެއް ކަމާއި ލޯންޗު ފަރަށްއެރީ މެޗު ކުޅެ ނިންމާފައި ރިސޯޓަށް ދަނިކޮށް ކަމަށް މައުލޫމާތު ލިބިފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް