ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ --
އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުން ޙައްލުކުރުމުގައި އަސްކަރީ ބާރުގެ ބޭނުންކުރުމަކީ ރަނގަޅު މަގެއް ނޫން ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ މިއަދު ބުނެފިއެވެ.
ވާންގް ޔީ މިހެން ވިދާޅުވީ ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު ބިން ޢަބްދުއްރަޙުމާން އައް ޘާނީއާ ޗައިނާގެ ވެރިރަށް ބެއިޖިންގައި ބައްދަލު ކުރެއްވުމަށް ފަހު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެވެ.
މި ބައްދަލުވުމުގައި ދެ މިނިސްޓަރުން ވަނީ މެދުއިރުމައްޗާއި ގަލްފު ސަރަޙައްދުގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ. ވާންގް ޔީ ފާހަގަކުރި ގޮތުގައި ސަރަޙައްދީ ހާލަތުގެ ސަބަބުން ސަލާމަތީ ނިޒާމަށް ބޮޑެތި އަސަރުތައް ކުރާއިރު ހަކަތައާއި ޝިޕިންގ އަދި ސަޕްލައި ޗެއިންގެ ހަމަޖެހުމަށް ވެސް ބުރޫ އަރަމުންދާ ކަމަށެވެ.
މި މައްސަލަތައް ހައްލުވާނީ އެމެރިކާ އާއި އިރާން ވާހަކަ ދެއްކުމާއި މަޝްވަރާ ކުރުމަކީ ކުރިއަށް ދެވެން އޮތް ހަމައެކަނި މަގު ކަމަށް ވެސް ވާންގް ޔީ ބުންޏެވެ. ސަރަޙައްދުގެ ހުރިހާ ޤައުމެއްގެ ސިޔާދަތާއި ސަލާމަތީ ކަންކަމަށް "ފުރިހަމައަށް އިޙުތިރާމް" ކުރަންޖެހޭ ކަމަށާއި ހުރިހާ ފަރާތެއްގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ގޮތެއްގައި ޙައްލު ހޯދައި ބައިނަލްއަޤުވާމީ ޤާނޫނާއި ބައިނަލްއަޤުވާމީ ގުޅުންތަކުގެ އަސާސީ އުސޫލުތައް ނެގެހެއްޓުން ލާޒިމު ކަމަށް އޭނާ ބުންޏެވެ.
ޗައިނާ އޮތީ ޤަޠަރާއި ސަރަޙައްދީ އެހެނިހެން ފަރާތްތަކާ ގުޅިގެން މުޢާމަލާތް ހަރުދަނާ ކުރުމަށް ތައްޔާރަށް ކަމަށާއި ސަރަޙައްދީ ޤައުމުތަކުގެ މުސްތަޤުބަލް އެ ޤައުމުތަކުން އަމިއްލައަށް ކަނޑައެޅުމަށް ތާއީދުކުރާ ކަމަށް ވެސް ވާންގް ޔީ ބުންޏެވެ. އެއާ އެކު ވީ އެންމެ އަވަހަކަށް ސަރަޙައްދީ ސުލްޙައާއި ހަމަޖެހުން އިޢާދަކޮށް "ޢަދުލުވެރި އަދި ހަމަހަމަ" ސަރަޙައްދީ ސަލާމަތީ އައު އޮނިގަނޑެއް ޤާއިމުކުރުމަށް ޗައިނާ މަސައްކަތްކުރާނެ ކަމަށް އޭނާ ބުންޏެވެ.
ޗައިނާގެ ފޮރިން މިނިސްޓަރުގެ މި ވާހަކަތައް އައިސްފައި ވަނީ މެދުއިރުމަތީގެ ނުތަނަވަސްކަން ބޮޑުވެ އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ހަމަލާ ބަދަލުކުރެވެމުންދާ ދަނޑިވަޅެއްގައެވެ. ދުނިޔޭގެ ހަކަތައާއި މުދާ ސަޕްލައި ކުރުމުގައި އިސްތިރާޖީ ގޮތުން މުހިންމު ހޮރމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރާ ބެހޭ ގޮތުން ޚިޔާލު ތަފާތުވުން ހުރުމާ އެކު ދެ ޤައުމުގެ ދެމެދުގެ މަޝްވަރާތައް ވަނީ ހުއްޓިފައެވެ.
އެމެރިކާއާއި އިސްތިޢުމާރީ އިސްރާއީލުން ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި އިރު ތެހެރާނުން ބުނެފައިވާ ގޮތުގައި އެ ހަމަލާތަކުގައި 3000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ޕާކިސްތާނާއި ޤަޠަރުގެ މެދުވެރިކަމާ އެކު ޖޫންގައި ދެ ފަރާތުން އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް ދެ ފަރާތުގެ ޒިންމާތަކާއި ހޮރމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރާ ބެހޭ ޚިލާފުތަކުގެ ސަބަބުން އެ އެއްބަސްވުން ތަންފީޒުކުރުން ހުއްޓި ޖުލައިގައި ހަމަނުޖެހުން އަލުން ފެށިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް