މިނިސްޓަރު ޑރ. އަބްދުލް މުއްތޮލިބް -- ފޮޓޯ: ރައީސް އޮފީސް
ކުޑަ އަގެއްގައި ބިމެއް ވިއްކަން ނިންމި ސަބަބު ހައުސިން މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
މި މައްސަލަ ފެންމަތިވީ ކުޑަ އަގެއްގައި ހުޅުމާލެއިން ބިމެއް ވިއްކި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓަކާއި ގުޅިގެން ނެވެ. މި މައްސަލަ ހޫނު ވުމުން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވަނީ މިކަން ރައްޔިތުންނަށް މިއަދު ސާފުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި އެވެ.
މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި 2003 ވަނަ އަހަރު އޭރުގެ ސަރުކާރުން ވަނީ އަހުމަދު ޒާހިރު ކިޔާ ފަރާތަކަށް ހުޅުމާލެއިން 904 އަކަފޫޓުގެ ބިމެއް 339,00 ރުފިޔާއަށް ވިއްކުމަށް ނިންމާފައި ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އެ ބިން އޭނާއާ ހަވާލުނުކޮށް އޮތުމާ ގުޅިގެން ހައްލެއް ހޯދައިދިނުމަށް އެދި އޭނާގެ ފަރާތުން ސަރުކާރަށް ހުށަހަޅަމުން ދިޔަ ކަމަށް އެ ބަޔާނުގައިވެއެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ބިން ވިއްކަން ހަމަޖެއްސީ 2003 ވަނަ އަހަރު އެއްބަސްވި އަގުތަކާ އެއް ހަމައެއްގައެވެ.
މިނިސްޓްރީން ބުނީ ވިއްކަން ހަމަޖެއްސި ބިމަކީ ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުން ޝަރުތު ހަމަނުވާ ފަރާތަކަށް ދޭން ނިންމައިފައި އޮތް ބިމެއްގެ އެއްބަސްވުން ބާތިލުކުރުމުން ހުސްކޮށް އޮތް ބިމެކެވެ. މީގެ އިތުރުން އެ ފަރާތުން ގުޅީފަޅުން ލިބިފައި އޮތް ބިމެއް ދޫކޮށްލުމަށް ވެސް އެއްބަސްވެފައިވެއެވެ.
އެ ބިން ނުލިބި ހުރި މައްސަލައިގައި ހައުސިން މިނިސްޓްރީން ގޮތެއް ނިންމީ ފޭސް ދޭކުން 1,250 އަކަފޫޓުގެ ބިމެއް 468,750 ރުފިޔާ އަށް ވިއްކާ ގޮތަށެވެ. އެ ނިންމުމާ ގުޅޭ ލިޔެކިޔުންތައް އިއްޔެ ސޯޝަލް މީޑިއާގައި އާންމުވެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.
ހައުސިން މިނިސްޓްރީން ވަނީ މި ނިންމުމުގެ ސައްޙަކަން ކަށަވަރު ކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އެދިފައެވެ. ބިން ހަވާލުކުރާނީ އޭސީސީގެ ލަފަޔާއި ޤާނޫނީ ލަފާ ލިބުމަށް ފަހު ކަމަށް ވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް