ބިލިއަނަރު ކުވޮން ހިޔޮކް ބިން --
ދެކުނު ކޮރެއާގެ ކޯޓަކުން އެ ޤައުމުގެ ތާރީޚުގައި ވަރީގެ މައްސަލައެއްގައި ނެރުނު އެންމެ ބޮޑު ޙުކުމާ އެކު ގޭމިން ކުންފުންޏެއްގެ ބާނީ އޭނާގެ ކުރީގެ އަނބިމީހާއަށް 1.87 ބިލިއަން ޑޮލަރުގެ މުދާ ދޭން ޖެހިއްޖެ އެވެ.
ސްމައިލްގޭޓް ގެ ނަމުގައި ދެކުނު ކޮރެއާގެ ތިންވަނައަށް އެންމެ ބޮޑު ވީޑިއޯ ގޭމް ކުންފުނި އުފެއްދި ބިލިއަނަރު ކުވޮން ހިޔޮކް ބިންއަކީ އެ ޤައުމުގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ބްލޫމްބާގުން ލަފާކުރާ ގޮތުގައި އޭނާގެ މިލްކިއްޔާތުގެ އަގު ތިން ބިލިއަން ޑޮލަރަށް އަރައެވެ.
އިއްޔެއާއި ހަމައަށް ސްމައިލްގޭޓުގެ މިލްކުވެރިކަން އެއްކޮށް އޮތީ ކުވޮންގެ އަތުގައެވެ. ނަމަވެސް ކޯޓުން ނިންމީ ކުންފުނީގެ 35 އިންސައްތައިގެ ހިއްސާ ކުރީގެ އަނބިމީހާ ލީ ހުވާ ޖިންއަށް ބަދަލުކުރުމަށެވެ. އޭގެ އިތުރުން 65 ބިލިއަން ވޮން ނަގުދު ފައިސާ އިން ދެއްކުމަށް ވެސް ކޯޓުން އެންގިއެވެ.
ކުވޮންއާއި ލީ ކައިވެނިކުރީ 2001 ވަނަ އަހަރު އެވެ. ސްމައިލްގޭޓް ކުންފުނި އުފެއްދީ ޖެހިގެން އައި 2002 ވަނަ އަހަރު އެވެ. ކްރޮސްފަޔާ އާއި ލޮސްޓް އާކް ފަދަ މަޝްހޫރު ގޭމްތައް ހެދީ އެ ކުންފުނިންނެވެ.
ވަރީގެ މައްސަލަ ލީގެ ފަރާތުން ކޯޓަށް ހުށަހެޅި އިރު އެދުނީ ކުންފުނީގެ 50 ޕަސެންޓު ހިއްސާ ހޯދުމަށެވެ. އަދި އޭނާ 20 އަހަރު ވަންދެން ދަރިން ބަލައި ގެވެހި ޒިންމާ އުފުލާފައިވާނެ ކަމަށާއި ސްމައިލްގޭޓު އުފެއްދީވެސް އޭނާގެ މާލީ އެހީތެރިކަމާއި އެކު ކަމަށެވެ.
ނަމަވެސް ކުވޮންގެ ފަރާތުން ބުނީ ލީ ކުންފުންޏަށް އިންވެސްޓް ނުކުރާ ކަމަށާއި މަސައްކަތެއް ވެސް ނުކުރާ ކަމަށެވެ. މި އަހަރު ކުރީ ކޮޅު ސްމައިލްގޭޓުން ނެރުނު ބަޔާނެއްގައި ވެސް ކުންފުނީގެ ފެށުމުގެ މުޅި ރައުސުލްމާލު އައީ ކުވޮންގެ ފަރާތުން ކަމަށެވެ.
އެކުންފުނިން އެހެން ބުނުމުގެ އިތުރުން ބުނީ މައި ހިއްސާދާރުގެ ޒާތީ ކަންކަމާއި ބެހެން ބޭނުން ނުވާތީ ކުންފުނިން ވަކި އެއްޗެއް ނުބުނާނެ ކަމަށެވެ.
ކޯޓުން ކުރި މި ހުކުމް އިސްތިއުނާފުކުރުމުގެ ފުރުސަތު ދެ ފަރާތަށްވެސް އެބައޮތެވެ.
މި ޙުކުމާ ހަމައަށް ދެކުނު ކޮރެއާގެ ވަރީގެ ރެކޯޑެއް ގޮތުގައި އޮތީ ކޯޕަރޭޓް ޖަޔަންޓް އެސްކޭ ގްރޫޕުގެ ޗެއާމަން ޗެ ޓެ ވޮންގެ ކުރީގެ އަނބިމީހާއަށް ދެއްކުމަށް މިދިޔަ ޖުލައި މަހު ކޯޓުން ކަނޑައެޅި 944 ބިލިއަން ވޮންނެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ދެމަފިރިންގެ މުދަލުގެ އަގު ޖެހުމުގައި ގޯހެއް ހެދިފައިވާ ކަމަށް ބުނެ އެ ޙުކުމް ބާތިލުކޮށް އަލުން ބެލުމަށް އެންގެވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް