މާލެއަކީ ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯނަކަށް ހެދުމުން ނޫނީ ޓްރެފިކް މައްސަލަ ހައްލެއް ނުވާނެ: ސައީދު

އެއްގަމު ދަތުރުފަތުރުގެ އާ ޤާނޫނުގައި މާލެ ސަރަހައްދަށް ޚާއްޞަ އިންތިޒާމުތަކެއް ހިމެނީ ވެރިރަށުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް އެ ނޫން މަގަކުން ހައްލެއް ނުލިބޭނެތީ ކަމަށް އިކޮނޮމިކް އަދި ޓްރާންސ...

09 Sep 2026 | 09:41
އިކޮނިމިކް މިނިސްޓަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

އިކޮނިމިކް މިނިސްޓަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

އެއްގަމު ދަތުރުފަތުރުގެ އާ ޤާނޫނުގައި މާލެ ސަރަހައްދަށް ޚާއްޞަ އިންތިޒާމުތަކެއް ހިމެނީ ވެރިރަށުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް އެ ނޫން މަގަކުން ހައްލެއް ނުލިބޭނެތީ ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓް ވަޒީރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ވަޒީރު ސައީދު ވިދާޅުވީ ޗައިނާ ސަރުކާރުގެ އެހީގައި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު މި އަހަރު ތެރޭ ފެށޭނެ ކަމަށެވެ. މަގުތައް ޒަމާނީ ވާއިރު ޓްރެފިކްގެ މައްސަލައަށް ވެސް ހައްލެއް އަންނަން ޖެހޭ ކަމަށާއި އެއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރެއް ކަމަށް ވެސް ވިދާޅުވިއެވެ. މުޅި މާލެއަކީ ރެޖިސްޓްރޭޝަން ކޮންޓްރޯލްޑް ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅީ އެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ކަމަށް ސައީދު ވިދާޅުވިއެވެ.

"މުޅި މާލެއަކީ ރެޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނަކަށް ހަދައިގެން ނޫން ގޮތަކަށް މި މައްސަލައަށް [މާލޭގެ ޓްރެފިކް މައްސަލައަަށް] ހައްލެއް ހޯދަން ދަތިވާނެ" ސައީދު ވިދާޅުވިއެވެ.

ޤާނޫނުގެ މި ބައިތައް އެކުލަވައިލީ ޢާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނާއި ދައުލަތުގެ ގިނަ މުއައްސަސާތަކާ މަޝްވަރާ ކޮށްގެން ކަމަށް ވިދާޅުވިއެވެ. ރެޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނެއް ކަމަށް ކަނޑައެޅި ނަމަވެސް އެއީ އެ ސަރަހައްދުގައި އުޅަނދު ރަޖިސްޓްރީ ނުކުރެވޭނެ ވާހަކައެއް ނޫން ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ފަށާއިރުގައި މާލެ ސަރަހައްދު ރެޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނަކަށް މި ވަނީ. އޭގެ މާނަައަކީ ރެޖިސްޓާ ނުުކުރެވޭނެ ޒޯނެކޭ ނޫން. އޭގެ މާނަައަކީ ރެޖިސްޓާ ކުރެވޭނެއޭ އެެހެން ނަމަވެސް ވަކި މިންގަނޑުތަކެއްގައި ވަކި ގޮތަކަށް ކަންކަން އިންތިޒާމްކުރެވިގެން ކަންކަން ކުރުމުގެ ރޫހު ހުރިހާ ބޭފުުޅުންގެ ވެސް ހުންނަން ވާނެއޭ" ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ ނޫން ސަރަހައްދެއް ވެސް ރެޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމުގެ ފުރުޞަތު ޤާނޫނުން ފޯރުކޮށްދޭ ކަމަށާއި ސިޓީ ކައުންސިލަކުން އެފަދަ ހުށަހެޅުމެއް ހުށަހެޅުމުން ރައީސް ކަނޑައަޅުއްވާ އިންތިޒާމުތަކެއްގެ ދަށުން ކުރިއަށް ގެންދެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ފާސްކުރި މި ޤާނޫނުގެ ދަށުން މާލޭގެ އެއްގަމު ދަތުރުފަތުރުގެ ހުރިހާ ކަމެއް ބެލެހެއްޓުމަށް "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި ވަކި އޮފީހެއް ޤާއިމްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ޤާނޫނުގައި އެކެއްގެ ނަމުގައި އެކަކަށް ވުރެ ގިނައިން އުޅަނދު ރަޖިސްޓްރީ ކުރާ ނަމަ އިތުރު ފީއެއް ނެގުން ފަދަ މާލެއަށް ޚާއްޞަ ބައެއް އިންތިޒާމުތައް ވެސް ކަނޑައަޅާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް