ނުއަގުގައި ބިމެއް ވިއްކި ކަމަށް ބުނާ މައްސަލަ ގުޅެނީ 23 އަހަރު އިންސާފު ނުލިބި ހުރި މީހަކާ: މިނިސްޓަރު

ހުޅުމާލެ ދެވަނަ ފިޔަވަހިން އަގުހެޔޮކޮށް ބިމެއް ވިއްކި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ލިޔެކިޔުންތަކާ ގުޅިގެން ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބް ރައްދު ދެއްވައިފިއެވެ. އެ ޕޯސްޓ...

09 Sep 2026 | 05:29
ޑރ. އަބްދުﷲ މުއްތޮލިބު -- ފޮޓޯ: ރައީސް އޮފީސް

ޑރ. އަބްދުﷲ މުއްތޮލިބު -- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލެ ދެވަނަ ފިޔަވަހިން އަގުހެޔޮކޮށް ބިމެއް ވިއްކި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ލިޔެކިޔުންތަކާ ގުޅިގެން ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބް ރައްދު ދެއްވައިފިއެވެ.

އެ ޕޯސްޓު ކުރެއްވީ ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. އޭނާ ވަނީ ހުޅުމާލޭ ފޭސް ދޭކުން މީހަކަށް ބިމެއް ވިއްކުމުގެ ހުއްދަދިނުމުގެ މަރުހަލާ ހައުސިން މިނިސްޓްރީން ތެރެއިން ކުރިޔަށް ގެންގޮސްފައިވާކަން ކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ފޮޓޯއެއް ހިއްސާ ކޮށްފައި އެވެ.

އެ ޕޯސްޓާއި ގުޅިގެން އެކްސްގައި މުއްތަލިބް ވިދާޅުވީ ވިދާޅުވީ ދައުރުވަމުންދާ ލިޔުންތަކުގެ މާނަ ނެގެމުން ދަނީ އެންމެ ގޯސް ގޮތުގައި ކަމަށެވެ. އެ ލިޔުންތައް ގުޅެނީ 23 އަހަރު ވީ އިރުވެސް އިންސާފެއް ނުލިބި ހުރި މީހަކާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ޢާންމުވި ހައުސިން ވުޒާރާގެ އޮފީސް މެމޯގައިވާ ގޮތުން 1250 އަކަފޫޓުގެ ބިމެއް އަކަފޫޓަކަށް 375 ރުފިޔާގެ މަގުން ވިއްކާފައިވާ އިރު ޖުމުލަ އަގު 468750 ރުފިޔާ އަށް އަރައެވެ. އެ މެމޯގައިވާ ގޮތުން 50000 ރުފިޔާ އެޑްވާންސްގެ ގޮތުގައި ދެއްކުމަށް ފަހު ބާކީ ފައިސާ ފަސް އަހަރު ތެރޭ ދެއްކޭ ގޮތަށް ޕޭމަންޓް ޝެޑިއުލެއް ވެސް ހަމަޖައްސާފައިވެއެވެ.

އޭނާ ވިދާޅުވީ އެކަމާ ގުޅުވައި ކުށެއް ނެތް މުވައްޒަފެއްގެ އިތުރުން އިންސާފު ނުލިބި އެކަމަށް ވަކާލަތުކުރަމުން އަންނަތާ 23 އަހަރު ހޭދަކޮށްފައިވާ އުމުރުން ދުވަސްވީ މީހަކަށް ވެސް ގެއްލުންވަމުންދާ ކަމަށެވެ.

އެހެންވެ މި މައްސަލައިގެ ތަފްސީލާ އެކު މިއަދު ރަސްމީ ބަޔާނަކުން ހާމަކޮށްދޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް