ހޫނުން ސަލާމަތް ވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރޭ --
ޕެސިފިކް ކަނޑުގައި އުފެދިފައިވާ އެލް ނީނޯގެ ބާރު ގަދަވަމުންދާތީ ރާއްޖެއަށް ކުރާނެ ނޭދެވޭ އަސަރުތަކަށް ތައްޔާރަށް ތިބުމަށް ހުރިހާ ދާއިރާތަކަކަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އެލްނީނޯގެ ބާރު ގަދަވެ ކުރިޔަށް އޮތް މަސް ތަކުގައި ރާއްޖެއަށް އާދަޔާ ހިލާފަށް ހޫނު ގަދަވާނެ ކަމަށެވެ. އެހެންވެ މި ދުވަސްވަރު އެކަމާ ގުޅިގެން ދިމާވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ވަނީ އަންގާފައި އެވެ.
މި ނުރައްކާތެރި މޫސުމީ ބަދަލާ ގުޅިގެން އެންޑީއެމްއޭއިން ބުނީ ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ރޭވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ޒަރޫރީ ޚިދުމަތްތައް މެދުނުކެނޑި ދެމެހެއްޓުމަށްޓަކައި ވިޔަފާރިތަކާއި މުއައްސަސާތަކުން ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން ތައްޔާރުކޮށް މުރާޖަޢާކުރުމާއި މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމު ވަރުގަދަކުރުން ހިމެނޭ ކަމަށް ބުންޏެވެ.
މީގެ އިތުރުން މޫސުމީ ލަފާކުރުންތަކަށް ބިނާކޮށް ދުރާލައި ރައްކާތެރިވުމުގެ މުހިންމުކަން ވެސް ފާހަގަކޮށްފައިވެއެވެ. އެލް ނީނޯގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަތުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް އެދިފައިވެއެވެ.
އޭގެ ތެރޭގައި ބޯފެން ރައްކާ ކުރުމާއި ކާބޯތަކެއްޗާއި ސިއްހަތާއި ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލުމުގައި އަތުވެދާނެ ދަތިކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިވެ އެވެ.
އދ. ގެ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާ ބެހޭ އިދާރާ (ޔޫއެންޑީއާރުއާރު) އިން ވަނީ މި ޙާލަތާ ގުޅޭ ގޮތުން ބޮޑެތި ކުންފުނިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޢަމަލީ ގޮތުން ތަންފީޒުކުރެވޭނެ އުޞޫލުތަކެއް އެކުލަވައިލައި ޢާންމުކޮށްފައެވެ. މި އުޞޫލުތައް ބޭނުންކޮށްގެން ވިޔަފާރިތަކަށް ދިމާވެދާނެ ގޮންޖެހުންތަކަށް ދުރާލައި ތައްޔާރުވެވޭނެ ކަމަށް ބެލެވެއެވެ.
މެޓް އޮފީހުން ލަފާ ކުރާގޮތުގައި ރާއްޖެއަށް އެލްނީނޯގެ އަސަރު އެންމެ ބޮޑަށް ކުރާނީ އަންނަ ނޮވެމްބަރު މަހުން ފެށިގެން އަންނަ އަހަރުގެ މާޗް މަހާއި ހަމައަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް