ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރާ 65 ފަރާތެއްގެ މައްސަލަ ޓާސްކްފޯހަށް ރިޕޯޓު ކޮށްފި

ކަޅުބާޒާރުގައި ބޭރު ފައިސާގެ ވިޔަފާރި ކުރާ 65 ފަރާތެއްގެ މައްސަލަ އެކަން ހުއްޓުވުމަށް ކަމާ ގުޅުން ހުރި އިދަރާތައް ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯހަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ގަ...

09 Sep 2026 | 04:14
ޑޮލަރުތަކެއް ގުނަނީ --

ޑޮލަރުތަކެއް ގުނަނީ --

ކަޅުބާޒާރުގައި ބޭރު ފައިސާގެ ވިޔަފާރި ކުރާ 65 ފަރާތެއްގެ މައްސަލަ އެކަން ހުއްޓުވުމަށް ކަމާ ގުޅުން ހުރި އިދަރާތައް ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯހަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ގަވައިދާ ހިލާފަށް ބޭރު ފައިސާގެ ވިޔަފާރި ކުރާ ފަރާތްތައް ހުއްޓުވުމަށް އެކުލަވާލާފައިވާ ޓާސްކްފޯހަށް މައްސަލަ ރިޕޯޓު ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. ފުލުހުން އެ ދުވަހު ބުނީ 9388733 އަށް އެސްއެމްއެސް، ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށެވެ.

މިއަދު ފުލުހުން ބުނީ އެ ނަމްބަރަށް މިހާތަނަށް އާންމުންގެ ފަރާތުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން 27 ބިދޭސީއަކާއި ހުއްދަ ނެތި ބޭރު ފައިސާ ގަނެ ވިއްކަމުން ދިޔަ 18 ތަނެއްގެ މައުލޫމާތު ހިމެނޭ ކަމަށެވެ. ބޮޑުގައި ބޭރު ފައިސާގެ ވިޔަފާރި ކުރަމުން ދިޔަ ހަތަރު ތަނަކާއި އެ ފަދަ މުއާމަލާތްތައް ކުރަމުން ދިޔަ 16 އޮންލައިން ޕްލެޓްފޯމްގެ މައުލޫމާތު ހިމެނޭ ކަމަށެވެ.

ފުލުހުން ބުނީ މި ރިޕޯޓުތަކާއި ގުޅިގެން ކުރި މަސައްކަތުން އެއް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ރިޕޯޓުކޮށްފައިވާ އެހެން ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކޮށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

ފުލުހުން ވަނީ އާންމު މަސްލަހަތާއި ގުޅުން ހުރި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާފައި އެވެ.

ފުލުހުން މީގެ ކުރިން ބުނީ އެ ނަންބަރަށް މެސެޖުކޮށް މައުލޫމާތު ހިއްސާކުރައްވާ ފަރާތްތަކުގެ ވަނަވަރާއި މައުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކޮށްދެވޭނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި މިގޮތަށް މައުލޫމާތު ދޭ ފަރާތްތަކުން، މައްސަލައިގެ ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް