އެޕަލް ފޭނުންގެ ބޮޑު އީދު މާދަމާ ރޭ 10 ޖަހާއިރު، އައު އައިފޯނު ފެނިގެންދާނެ

އެޕަލް ކުންފުނީގެ އައިފޯނު ފްލެގްޝިޕްގެ އައު މޮޑެލްތައް ރާއްޖޭ ގަޑިން ނަމަ މާދަމާ ރޭ 10:00 ގައި ލޯންޗު  ކުރާނެއެވެ. ހަމަ އެކަނި އައިފޯނެއް ނޫނެވެ. އިތުރު އުފެއްދުންތައްވެސް ފެނުމުގެ ފުރުސަތު އެބަ އޮތެ...

09 Sep 2019 | 05:29

އެޕަލް ކުންފުނީގެ އައިފޯނު ފްލެގްޝިޕްގެ އައު މޮޑެލްތައް ރާއްޖޭ ގަޑިން ނަމަ މާދަމާ ރޭ 10:00 ގައި ލޯންޗު  ކުރާނެއެވެ. ހަމަ އެކަނި އައިފޯނެއް ނޫނެވެ. އިތުރު އުފެއްދުންތައްވެސް ފެނުމުގެ ފުރުސަތު އެބަ އޮތެވެ.

މާދަމާ ރޭ އެޕަލް އިން ތައާރަފް ކުރާނެ އައިފޯނު މޮޑެލްތަކަށް ބަލާއިރު އައިފޯން 11 ޕްރޯ، އައިފޯން 11 ޕްރޯ މެކްސް، އަދި އައިފޯން 11 ހިމެނެއެވެ. އެންމެ ފަހުން ނެރުނީ އައިފޯނު އެކްސް އެސް، އެކްސް އެސް މެކްސް އަދި އެކްސް އާރެވެ.

މިހާތަނަށް ފެންމަތިވެފައިވާ މައުލޫމާތުތަކަށް ބުރަވާއިރު ފޯނުތަކުގެ ނަން ދީފައިވާގޮތަށް ކުޑަ ބަދަލެއް އައި ނަމަވެސް އައު ފޯނުގެ ޑިޒައިނަށް މާބޮޑު ބަދަލެއް ނާންނާނެއެވެ. ބަދަލުގައި އެޕަލްއިން ބޮޑަށް "ފޯކަސް" ކުރަނީ "ސްޕެކްސް" ރަނގަޅު ކުރުމަށާއި މައިގަނޑު ގޮތެއްގައި ކެމެރާއަށެވެ. "އިން-ޑިސްޕްލޭ ފިންގަރޕްރިންޓް" ޓެކްނޮލޮޖީ ހިމަނާނެ ކަމަށް ބެލެވޭއިރު "5G" ސަޕޯޓް ކުރާނެ ކަމަށް ބެލެވެއެވެ.

އެންމެ ބޮޑު ބަދަލެއް ގެންނާނެ ކަމަށް ޔަގީނާ ގާތަށް ބެލެވެނީ ކެމެރާ ސިސްޓަމަށެވެ. އެ މޮޑިއުލް މިފަހަރު ހިމަނާނެ ކަމަށް ބެލެވެނީ ހަތަރެސްކަނަށެވެ. ތިން ލެންސް ހިމެނޭނެ ކަމަށް ބެލެވޭއިރު އެޕަލްއިން އެންމެ ފަހުން ފޯނުތަކުގައި ހިމަނާފައިވަނީ ޓެލެފޮޓޯ ލެންސާއި ވައިޑް އޭންގަލް ލެންސެވެ. ތިންވަނަ ލެންސަކަށް ހިމަނާނީ ކޮން ލެންސެއްކަން އަދި ސާފެއް ނޫނެވެ.

ފޭސް އައިޑީ އަޕްގްރޭޑް ކުރާނެ ކަމަށްވެސް ބެލެވެއެވެ. އެއީ ކޮންމެ އޭންގަލަކުން ބެލި ކަމުގައިވެސް ޑިޓެކްޓް ކުރާނެ ފެންވަރަށް ކަމަށް ބެލެވެއެވެ. އަދި "ވޯޓަރ ޕްރޫފިން" އިތުރަށް ހަރުދަނާކޮށް "ޝެޓަރ ރެސިސްޓިންގް" އިތުރަށް ވަރުގގަދަ ކުރާނެ ކަމަށްވެސް ބެލެވެއެވެ.

މީގެ އިތުރުން އެޕަލްގެ "ނެކްސްޓް ޖެން A13" ޕްރޮސެސަރ އަށް އަޕްގްރޭޑް ކުރާނެ ކަމަށްވެސް ބެލެވެއެވެ.

އެޕަލްގެ މި އިވެންޓް ހަމަ އެކަނި ފޯނު ލޯންޗު ކުރުމަށްފަހު ނިންމާލާނެ ކަމަކަށް ނުބެލެވެއެވެ. އެޕަލް ގަޑީގެ ސީރީޒް 5 ނެރޭނެ ކަމަށް ބެލެވެއެވެ. އެޕަލް ޓީވީގެ އަޕްގްރޭޑެއް ލޯންޗު ކުރާނެ ކަމަށް ބެލެވެއެވެ. 16 އިންޗީގެ މެކްބުކް ޕްރޯއެއް ލޯންޗު ކުރާނެ ކަމުގައިވެސް ބެލުމުގެ ފުރުސަތު އެބަ އޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް