ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފުލުހުން ފާރަލާކަމުގެ މައުލޫމާތު އެމްއެންޑީއެފުން ދީފައިވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މީގެ ތިން ދުވަސް ކުރިން އެމްއެންޑީއެފުން އެމައުލޫމާތު އެމަނިކުފާނަށް ދެއްވައިފި ކަމަށެވެ.
"އަޅުގަނޑު ކައިރީގައި މީގެ ތިން ރޭ ކުރިން އެމްއެންޑީއެފުން ބުނި އަޅުގަނޑަށް ފުލުހުން ފާރަލައޭ. އެކަން ފުލުހުން ވެސް ކޮށްފާނެ، ފުލުސް އޮފީހުން ވެސް ކޮށްފާނެ. ފާރަލައިގެން އައިސް އޭގެން އެހެން ނަތީޖާއެއް ވެސް ނެރެދާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެއިރެއްގައި ދައްކަން ހުރި ވާހަކައެއް ދައްކާނެ ކަމަށާއި، އޭގެ ސަބަބުން ކިތަންމެ ނުރައްކަލަކާ އެމަނިކުފާނު ކުރިމަތިލައްވާ ކަމަށެވެ. އަދި އެވާހަކަ ދެއްކުން ހުއްޓާނުލާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ގެއްލުވާލައިފައިވާ ނޫސްވެރިޔާ، އަހުމަދު ރިލްވާންގެ މަރުގެ މައްސަލާގައި ފުލުހުންނާއި ސިފައިން ބައިވެރިވިކަން އެމައްސަލައިގެ ތަހުޤީޤީ ރިޕޯޓުން ހާމަވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ފުލުހުންގެ އިދާރާ އާއި ޝަރުއީ ދާއިރާ އިސްލާހު ނުވާނަމަ ބޭނުންވާ ބަދަލު ނުގެނެވޭނެ ކަމަށެވެ.
ފުލުސް އޮފީހަކީ އިންސާފު ގާއިމްކުރުމުގެ މައިގަނޑު ތަރަހައަށް ވާއިރު އެ މުއައްސަސާ އިސްލާހު ކުރުމަކީ މި ސަރުކާރު އުފެދިގެން އައި އިރުވެސް އަދި މިހާރު ވެސް އެމްޑީޕީން އެކަމަށް އެސްބަސްވާ ކަމެއް ކަމަށާއި، އަމާޒަކީ ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް