ވޭޕް ކުރުމާ ގުޅުން ހުރި ފަސް މަރު، ވޭޕް ކުރުން ހުއްޓާލުމަށް ސީޑީސީން އިލްތިމާސް ކޮށްފި

ވޭޕް ކުރުމަށް ބޭނުންކުރާ އުފެއްދުންތަކުގެ ސަބަބުން މެއަށް ޖެހޭ އިންފެކްޝަނެއް ފެތުރެމުން އަންނައިރު، އަދި ވޭޕް ކުރުމާއި ގުޅޭ ފަސް މަރެއް، މަހެއްހާ ދުވަހުގެ ތެރޭގައި ރެކޯޑް ކުރެވިފައިވާއިރު ވޭޕް ކުރުން...

09 Sep 2019 | 02:21

ވޭޕް ކުރުމަށް ބޭނުންކުރާ އުފެއްދުންތަކުގެ ސަބަބުން މެއަށް ޖެހޭ އިންފެކްޝަނެއް ފެތުރެމުން އަންނައިރު، އަދި ވޭޕް ކުރުމާއި ގުޅޭ ފަސް މަރެއް، މަހެއްހާ ދުވަހުގެ ތެރޭގައި ރެކޯޑް ކުރެވިފައިވާއިރު ވޭޕް ކުރުން ހުއްޓާލުމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރެވެންޝަން (ސީޑީސީ) އިން އިލްތިމާސް ކޮށްފިއެވެ.

ސީޑީސީން ބުނެފައިވަނީ މެއަށް އިންފެކްޝަންގެ އަސަރު ކުރާ ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ސަބަބު ދެނެގަނެވުމުގެ ކުރިން ވޭޕް ކުރުމަކީ އެ ސެންޓަރުން އެއްގޮތަކަށްވެސް ނޭދޭ ކަމެއް ކަމަށް ބުނެފައިވެއެވެ.

މިހާތަނަށް 450 އަށްވުރެ ގިނަ މީހަކަށް އިންފެކްޝަންގެ އަސަރު ކޮށްފައިވާކަމަށްވެސް ސީޑީސީން ބުނެފައިވެއެވެ.

ސީޑީސީން ބުނެފައިވަނީ އެ 450 މީހުންގެ ކޭސް އަށް ބަލާއިރު ވަކި ވައްތަރެއްގެ އީ ސިނގިރެޓަކުން ނުވަތަ ވަކި ވައްތަރެއްގެ ފްލެވާ އަކުން އިންފެކްޝަން ޖެހޭކަން އަދި ފާހަގަ ކުރެވިފައި ނުވާތީ އަސްލު ސަބަބު ދެނެގަތުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އެހެން ނަމަވެސް ކަމާގުޅޭ ހުރިހާ ފަރާތެއްގެ އެހީތެރި ކަމާއެކު ކަމުގެ އަސްލު ސަބަބު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ސީޑީސީން ބުނެފައިވެއެވެ.

ވޭޕް ކުރުމާއި ގުޅުންހުރި ފުރަތަމަ މަރު ރެކޯޑް ކުރެވިފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 25 ވަނަ ދުވަހުގައެވެ.

މަރުވި މީހާ އަށް އައިސީޔޫގައި ބާއްވައިގެން ފަރުވާ ދޭން ފެށީ ވޭޕް ކުރި ފަހުން ނޭވާލާން އުނދަގޫވެ ޑޮކްޓަރަށް ދެއްކި އިރު، ފުއްޕާމޭ ވަރަށް ބޮޑަށް ހަލާކުވެފައި ހުރުމުން ކަމަށާއި ސިއްހީ އޮފިޝަލުން ވިދާޅުވީ އެ މީހާގެ ފުއްޕާމެޔަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ކަމަށާއި އެއީ ވޭޕްކުރުމުގެ ސަބަބުން ޖެހުނު ބައްޔެއް ކަމަށް މިހާތަނަށް އެނގިފައިވާ ކަމަށް ބުނެފައިވެއެވެ.

އޭގެ ފަހުން ވޭޕް ކުރުމާއި ގުޅުންހުރި އިތުރު ހަތަރު މީހަކު މަރުވެފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އެއީ ސީދާ ކޮން ބައެއްކަން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް