ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓު ކުރި ކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ރާއްޖެ ޓީވީން ދައްކައިފި އެވެ.
އެ ފައިސާ ދައްކަން ބްރޯޑްކޮމްއިން ރާއްޖެ ޓީވީއަށް އެންގީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާ އަށެވެ. ޖޫރިމަނާ ދެއްވީ ނަގުދު ފައިސާއިންނެވެ.
ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ދެ މިލިއަން ރުފިޔާ ހަމަކުރީ މުވައްޒަފުން ޓީޝާޓު ވިއްކައިގެންނާއި، އާންމުންގެ އެހީތެރިކަމާއި އެކު އެވެ. ފިޔާޒު ވިދާޅުވީ އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަމުން ދޭހަވެގެން ދަނީ ރާއްޖެ ޓީވީގެ އަޑު ކެނޑެއް ރައްޔިތުން ނޭދޭ ކަންކަމަށެވެ.
ޖޫރިމަނާ ފައިސާ ހަމަކުރުމަށް އެ ސްޓޭޝަނުން ވަނީ "އަބުރުފުޅު ފަންޑު ފޮށި" ނަމުގައި ފަންޑު ފޮއްޓެއް ހުޅުވައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެ ފޮށި ހިފައިގެން އިދިކޮޅު ކެމްޕެއިން ޓީމާއި އެކު ދަތުރުކޮށްފައި އެވެ. ރާއްޖެ ޓީވީން ބުނީ މިހާތަނަށްވެސް މި ޖޫރިމަނާ ބްރޯޑްކޮމްއިން ކުރީ ކީއްވެގެން ކަން ސާފުކޮށްދީފައި ނުވާ ކަމަށެވެ.
އެހެންވެ މާދަމާ މި މައްސަަލަ ސިވިލް ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނައި ބަދަލާއި ގުޅިގެން މީހެއްގެ އަބުރަށް އަރައި ގަނެގެން ކުރާ ޖޫރިމަނާ އަކާއި މެދު ހިތް ހަމަނުޖެހޭނެ ނަމަ އެމައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ. އެކަމަކު އެއީ ޖޫރިމަނާ ފައިސާ ދައުލަތަށް ދެއްކުމަށް ފަހު އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުަޅަށް އަރައިގަތް ކަމަށް ބުނެ ރާއްޖެ ޓީވީގެ އިތުރުން ވީމީޑިއާ އާއި ސަންގު ޓީވީ ވެސް މީގެ ކުރިން ޖޫރިމަނާ ކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް