ކެޔޮދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ ކޭ.ޒެޑް.ޖޭ ކަޕް 2019 ގެ ކުޅުން މިއަދު ހަވީރު 4:00 ގައި ކެޔޮދޫ ފުޓްބޯޅަ ދަނޑުގައި ފަށައިފިއެވެ.
މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހުލޫފެވެ. ވަޒީރުގެ އިތުރުން މި ރަސްމިއްޔާތުގައި ކެޔޮދޫ ދާއިރާގެ މެންބަރު ޙުސައިން ޤާސިމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މުބާރާތް ފެށުމުގެ ގޮތުން ކެޔޮދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ފަރާތުން ވައިސް ޗެއަރޕާރސަން އަޙްމަދު ޖިނާޙް ވާހަކަފުޅު ދެއްކެވިއެވެ.
ޖިނާޙްގެ ވާހަކަފުޅުގައި 2008 ގައި ރަޖިސްޓްރީ ކުރެވުނު މި ޖަމްޢިއްޔާގެ ފަރާތުން ކެޔޮދޫގެ ޢުމްރާނީ އަދި އިޖްތިމާޢީ ތަރައްޤީގައި ގިނަ ކަންކަން ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި މުބާރާތާއި އަދި ފާއިތުވި އަހަރުތަކުގައި ޖަމްޢިއްޔާއިން ހިންގާފައިވާ ކަންތައްތަކަށް ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން ޤާސިމް ދެއްވާފައިވާ އެހީތަކާއި އެއްބާރުލެއްވުމަށްޓަކާ އެމަނިކުފާނަށް ޚާއްޞަ ޝުކުރެއް ދަންނަވާކަމަށް ޖަމްޢިއްޔާގެ ފަރާތުން ފާހަގަކުރައްވާފައިވެއެވެ.
ރަސްމިއްޔާތު ޝަރަފުވެރި މެހްމާން ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޚްލޫފްވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ފުޓްބޯޅައަށް ކެޔޮދޫގެ ޒުވާނުންގެ ޝައުޤުވެރިކަން ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން ޒުވާނުން ކުޅިވަރުގައި ކާމިޔާބު ހޯދުމަށް ގަދައަޅާ މަސައްކަތްކުރުމަށްވެސް މި ރަސްމިއްޔާތުގައި އެމަނިކުފާނު ކުޅުންތެރިންނަށް ހިތްވަރުދެއްވިއެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެވުނު ފުރަތަމަ މެޗްގައި ވާދަކުރީ ގްރޫޕް އޭ ގެ އެސް.ސީ ހޮސްކޮވޯ އަދި އެފް.ސީ މެގަ ކަޅުއެވެ. މި މެޗް 2-1 އިން ކާމިޔާބުކުރީ އެފް.ސީ މެގަ ކަޅުއެވެ. އެފް.ސީ މެގަ ކަޅުގެ 2 ލަނޑުވެސް ކާމިޔާބުކުރީ ޖަރޒީ ނަންބަރު 10 ލިތޯފް އަޙްމަދުއެވެ. އެސް.ސީ ހޮސްކޮވޯގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އެޓީމްގެ ޖަރޒީ ނަންބަރު 8 ޙަސަން އިޝާންއެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފް.ސީ މެގަ ކަޅުގެ 2 ލަނޑުވެސް ކާމިޔާބުކުރި ލިތޯފް އަޙްމަދެވެ.
މުބާރާތުގެ ދެވަނަ މެޗްގައި މިއަދު ވާދަކުރީ ގުރޫޕް ބީ ގެ ދެ ޓީމްކަމަށްވާ އެންޖިއަންސް އަދި ކްލަބް ބްރޯކާސް އެވެ. މި މެޗް ނިމުނީ 2-2 އިން ދެ ޓީމް އެއްވަރުވެގެންނެވެ. އެންޖިއަންސްގެ ލަނޑުތައް ކާމިޔާބުކުރީ ޖަރޒީ ނަންބަރު 21 ޙުސައިން ޖައިޝަމް އަދި ޖަރޒީ ނަންބަރު 8 އަޙްމަދު އަލީފް ޔޫސުފްއެވެ. ކްލަބް ބްރޯކާސްގެ ލަނޑުތައް ކާމިޔާބުކުރީ އެ ޓީމްގެ ޖަރޒީ ނަންބަރު 22 އަޙްމަދު ނަސީމް އަދި ޖަރޒީ ނަންބަރު 3 ޢަލީ ނަވާޒްއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ހޮވުނީ ކްލަބް ބްރޯކާސްގެ ޖަރޒީ ނަންބަރު 3 ޢަލީ ނަވާޒް އެވެ.
މި މުބާރާތުގެ 2 މެޗް މާދަމާވެސް ކުޅެވޭނެއެވެ. މާދަމާ ކުޅޭ ފުރަތަމަ މެޗްގައި ވާދަކުރާނީ ގްރޫޕް އޭ ގެ އެން.ޖީ ސްޕޯރޓްސް އަދި އެފް.ސީ މެގަ ކަޅު ވާދަކުރާ މެޗެވެ. އަދި އޭގެ ފަހުން ގްރޫޕް ބީ ގެ ގޭދޮށު ޓީމް އަދި ކްލަބް ބްރޯކާސް ވާދަކުރާ މެޗްވެސް މާދަމާ ކުޅެވޭނެއެވެ.
މި މުބާރާތުގެ މީޑިއާ ޕާރޓްނަރަކީ 'ދުވަސް' އޮންލައިނެވެ. ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ ގެ ފައިސާގެ އިނާމް ހުށަހެޅިފައިވާ މި އަހަރުގެ މުބާރާތަށް ގިނަ ފަރާތްތަކުންވަނީ ސްޕޮންސަރ ކޮށްފައެވެ. މިގޮތުން މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި ހަމަޖެހިފައިވަނީ؛ އެލް.އޭ ރިޒޯޓްސް، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމް.ޑަބްލިއު.އެސް.ސީ)، ހުޅުމާލެ ސޯމިލްސް، އޭބީސީ ކޮންސްޓްރަކްޝަން، ވައިޓް މާކަނާ ލޮޖް (ކެޔޮދޫ)، ޖުޕިޓަރ ސަންރައިސް ލޮޖް (ކެޔޮދޫ)، ދިލްޝާދު މާރޓް (ކެޔޮދޫ)، ތިން ފައްދަނޑި ކެފޭ (ކެޔޮދޫ) އެވެ. މި އެންމެހައި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މުބާރާތުގެ ފައިނަލް މެޗް 13 އޯގަސްޓް 2019 ވާ އަންގާރަ ދުވަހުގެ ހަވީރު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު މުބާރާތް ފެށުމުން ކޮންމެ ދުވަހަކުވެސް ‘ދުވަސް’ މެދުވެރިކޮށް ކިޔުންތެރިންނަށް ގެނެސްދެވޭނެއެވެ. ކެޔޮދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖަށްވެސް މުބާރާތުގެ ފޮޓޯއާއި މައުލޫމާތު އަޕްލޯޑްކުރަމުންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް