އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހަމަވާއިރު އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިއުލާންކޮށްފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އަދި ގޮތެއް ނުނިންމަވާކަމަށް ވިދާޅުވެއްޖެއެވެ. އުމަރު ނަސީރު މިހެން ވިދާޅުވީ ކެންޑިޑެންސީ ހުށަހެޅުއްވުމާމެދު ދުވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިހަފްތާތެރޭގައި އުމަރު ނަސީރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިހަފްތާތަތެރޭގައި ގޮތެއް ނިންމަވާނެކަމުގައެވެ. އެ ޕޯސްޓުގައި އުމަރު ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ބޭނުންވާ ސޮއި ހޯދުމުގައި ވޮލަންޓިއަރުން ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު ދަންނަވާކަމަށާއި ސޮއި ކޮށްދެއްވި 2200 އަށްވުރެ ގިނަ ބޭފުޅުންނަށް އިހުލާސްތެރި ކަމާއެކު ޝުކުރު ދަންނަވާކަމަށެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހަމަވާއިރު މިހާތަނަށް ކެންޑިޑެންސީ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވާފައިވަނީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު އާއި ރަނިންމޭޓް ފައިސަލް ނަސީމް، ޕީޕީއެމްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އަދި އަމިއްލަ ގޮތުން ކުރިމަތިލައްވާ ހުސައިން ނަސީރު އާއި ރަނިންމޭޓް ދީނީ އިލުމުވެރިޔާ ޝެއިހް ނަސްރުﷲ މުސްތަފާ އެވެ. ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާޢު ހުސައިންވެސް ކުރިމަތިލައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް