އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ތ އަތޮޅާއި ލ އަތޮޅަށް ކުރެއްވި ކެމްޕޭނު ދަތުރުފުޅު އިއްޔެ ނިންމަވާލެއްވީ އަތޮޅުގެ ވެރިކަން ކުރާ ރަށް ލ ފޮނަދޫންނެވެ.
ލ އަތޮޅު ފޮނަދޫއަށް އިއްޔެ ވަޑައިގެން، އެ އަތޮޅަށް ހާއްސަ އިދާރީ އޮފީސް އިއްޔެ ހުޅުވައިދެއްވި އެވެ. ނަމަވެސް އެ އޮފީސް ހުޅުވައިދެއްވުމަށް ދިޔަ މަގުމަތީގައި ގޮންޖެހުންތަކަކާއި ކުރިމަތިވި އެވެ. އެއީ އެ އޮފީހަށް ދާން އޮންނަ މަގު ހުރަހަށް ޕަބްލިކް ވޯކްސްގެ ބޮޑު ލޮރީއެއް ޕާކުކޮށްފައި އޮތުމާއި އެ އޮފީސް ހުންނަ މަގު ކޮނެ ވެލި ފުނިތަކެއް ޖަހާފައި ހުރުމުންނެވެ.
އިބޫ އެ އޮފީހާއި ހަމައަށްގޮސް އޮފީސް ހުޅުވައިދެއްވީ އެ ވެލިފުނިތަކުގެ މަތިން ގޮހެވެ.
މިކަމާއިމެދު ސޯޝަލް މީޑިއާގައި ކޮންމެވެސް ވަރެއްގެ ބަހުސެއް އުފެދިފައިވާއިރު ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ބުނެފައިވަނީ ފޮނަދޫގައި މިހާރު މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް މަގުތަކުގައި ތާރަ އެޅުމުގެ މަސައްކަތްކުރިއަށްދާއިރު އިއްޔެ އެމަގު ކޮނެފައި އޮތީ އެއީ ރޫޓިންގެ ދަށުން ކޮށްފައިވާ ކަމެއް ކަމަށެވެ.
ނަމަވެސް ފޮނަދޫގައި ހުންނަ އިދިކޮޅު ކޯލީޝަންގެ ކެމްޕޭނު މެނޭޖަރު އިބްރާހިމް ރަޝީދު ވިދާޅުވިގޮތުގައި އެކަން އެގޮތަށް ކުރީ ޖެއްސުން ކުރުމުގެ ގޮތުންނާއި ދަތިތައް ކުރިމަތި ކުރުވުމުގެ ގޮތުން ކަމަށެވެ. އަދި އެފަދަ ކަމަކުން ކެނޑިޑޭޓް ނުހުއްޓުވޭނެ ކަމަށާއި ފިކުރަކީ ހުރިހާ ކަނޑަކަށްވެސް ހެޔޮވަރު ފިކުރެއް ކަމުގައި އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
"ކެނޑިޑޭޓް ވަޑައިގަތުމުގެ ވަގުތުކޮޅެއް ކުރިން ބައެއް ވެލިފުނިތައް ފަތިކޮށް މަގު ރީތިކުރަންވެސް ފެށި، ނަމަވެސް ކެނޑިޑޭޓް ވަޑައިގަތް އިރު މަގުގެ އެއްކޮޅު ބަންދުކޮށް ޕަބްލިކް ވޯކްސް ބޮޑު ލޮރީއެއް ބާއްވާފައި އޮތް، މުޅި މަގުގައި އޮތީ ވެލި ފުނި ޖަހާފައި" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
އިދިކޮޅު ރިޔާސީ ކެނޑިޑޭޓްގެ ތ އަދި ލ ދަތުރު ނިންމަވާލައްވައި މާލެ ވަޑައިގެންނެވީ އެ އޮފީސް ހުޅުއްވައިދެއްވުމަށްފަހުގައި އެވެ. އިބޫގެ ދަތުރުފުޅުގައި ލ ފޮނަދުއަށް ވަޑައިގެންނެވުމުން އިބޫއަށް ހޫނު މަރުހަބާއެއް ފޮނަދޫން ކިޔާފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް