ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭން ހަރަކާތްތައް ސިޔާސީ ޕާޓީތަކުން ހިންގަމުންދާއިރު، ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ފަރާތްތައް ބައިވެރިކޮށްގެން ސިޔާސީ ޕާޓީތަކުން ހިންގާ ތާޢީދު ހޯދުމުގެ ހަރަކާތްތައް ކުރިޔަށް ނުގެންދިޔުމަށް އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް އިލްތިމާސްކޮށްފިއެވެ. އެކޮމިޝަނުން މިގޮތަށް އިލްތިމާސްކޮށްފައި މިވަނީ ސިޔާސީ ޕާޓީތަކުން ކުރިޔަށްގެންދާ ކެމްޕެއިން ހަރަކާތްތަކުގައި ޤާނޫނާއި ޤަވާއިދުގެ ހުދޫދުގެ ތެރޭގައި ކަންކަން ކުރިޔަށްގެންދިޔުމަށް އިލްތިމާސްކޮށް ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
މި ނޫސްބަޔާނުގައި ސިޔާސީ ޕާޓީތަކުގެ ބަލަދުވެރި ފަރާތުގެ ހައިސިއްޔަތުން ތިން ކަމެއް ނުކުރުމަށް ސިޔާސީ ޕާޓީތަކަށް އިލެކްޝަން ކޮމިޝަނުން އިލްތިމާސް ކޮށްފައި ވެއެވެ. އެގޮތުން ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހުން ކެމްޕެއިން ހަރަކާތްތައްކުގައި ބައިވެރިނުކުރުމަށް އީސީން އެދިފައިވަނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން ނެވެ. އީސީން ބުނީ އެ ޤާނޫނުން، ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ފަރާތަކަށް ސިޔާސީ ޕާޓީއާއި ޖަމިއްޔާތަކަށް އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގައި މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްޤު ޙުކުމެއް ތަންފީޒުކުރުމަށް ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެންނުވާތީ ކެމްޕެއިން ހަރަކާތްތަކުގައި ޖަލު ހުކުމް ތަންފީޒުކުރަމުންދާ މީހުން ބައިވެރިނުކުރުމަށް ސަމާލުކަން ދިނުމަށެވެ.
މި ނޫސްބަޔާނުގައި އިލެކްޝަނުން ކޮމިޝަނުން ދެން ފާހަގަކޮފައިވަނީ ސިޔާސީ ޕާޓީތަކުން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުންތަކާއި ހަރަކާތްތަކުގައި، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ނުވާ ނަންތައް ބޭނުންކުރަމުންދާތީ އެކަން ނުކުރުމަށެވެ. އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ރަޖިސްޓްރީ ކޮށްފައި ނުވާ ނަންތައް ބޭނުންކުރާ ކަމުގެ ޝަކުވާ ލިބެމުންދާތީ، ރަޖިސްޓްރީ ކޮށްފައިނުވާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ނުވަތަ އެނޫންވެސް ހައިސިއްޔަތުން ރަޖިސްޓްރީ ކުރެވިފައި ނުވާ ނަމެއް ބޭނުންކޮށްގެން ތާޢީދު ހޯދުމުގެ ހަރަކާތްތައް ނުބޭއްވުމަށް އެދޭކަމުގައެވެ.
ސިޔާސީ ޕާޓީއަކުން ތާޢީދު ހޯދުމަށް ބާއްވާ ހަރަކާތްތަކުގައި ، އެހެން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ނިޝާން ، ކުލަ ނުވަތަ އެ ޕާޓީއެއް ރަމްޒުކޮށްދޭ ތަކެތި އެ ސިޔާސީ ޕާޓީގެ ހުއްދަ ނެތި ބޭނުންނުކުރުމަށް ވެސް ވަނީ އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް އިލްތިމާސްކޮށްފައެވެ. އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ސިޔާސީ ޕާޓީއަކުން ޖަލްސާތަކުގައި ތާޢީދު ހޯދުމަށް ބާއްވާ ހަރަކާތްތަކުގައި ބޭނުންކުރާ ކުލަ އެހެން ސިޔާސީ ޕާޓީއަކުން އެ ޕާޓީގެ ހުއްދައަކާ ނުލާ ބޭނުން ނުކުރުމަށް ސަމާލުކަން ދިނުން އެދޭކަމުގައެވެ.
އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ޤާނޫނާއި ޤަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ތާޢީދުހޯދުމަށް ބާއްވާ ހަރަކާތްތަކަށް އިލެކްޝަން ކޮމިޝަނުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގައެވެ.
އިލެކްޝަން ކޮމިޝަނުން މިގޮތަށް ނޫސްބަޔާން ނެރެފައިވާއިރު، ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ނަޝީދު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ގެންދަވަނީ އިދިކޮޅު ކޯލިޝަންގެ ސިޔާސީ ޕާޓީތަކުން ބާއްވާ ހަރަކާތްތަކުގައި ވީޑިއޯ މެދުވެރިކޮށް ވާހަކަދައްކަވަމުންނެވެ. މީގެއިތުރުން ކުރީގެ ރައީސް މައުމޫނަށް ތާޢީދު ކުރައްވާ ފަރާތްތަކުން އެމްއާރުއެމް ގެ ނަމުގައި އަންނަނީ ހަރަކާތްތައް ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް