ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެކެވަޑައިގެންނަވަނީ ރާއްޖޭގެ މާލިއްޔަތަކީ އެމަނިކުފާނުގެ އަމިއްލަފުޅު އެއްޗެއްކަމުގައި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. ނޫސްވެރިންނާ ބައްދަލުކުރައްވާ މާރިޔާ މިއަދު ވިދާޅުވީ ރައީސް ޔާމީން ދެކެވަޑައިގެންނަވަނީ ރައްޔިތުން އެކަމާ ސުވާލުކުރަން ނުޖެހޭނެކަމުގައި ކަމަށެވެ.
މީގެއިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަކީވެސް ރައީސް ޔާމީންގެ ކެމްޕެއިންތަކަށް ނިކުންނަންޖެހޭ ބައެއް ކަމަށް ރައީސް ޔާމީން ދެކެވަޑައިގަންނަވާކަމަށާއި ވަސީލަތްތަކަކީވެސް ކެމްޕެއިނަށް ބޭނުންކުރެވޭނެ ވަސީލަތްތައްކަމަށް ރައީސް ޔަމީން ދެކެވަޑައިގެންނަވާކަމަށް މާރިޔާ ވިދާޅުވިއެވެ. މާރިޔާ މިހެން ވިދާޅުވެފައި މިވަނީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ، ޕީޕީއެމްއިން ކެމްޕެއިނަށް ބޭނުންކުރެވެން ހުރި ހުރިހާ ވަސީލަތްތައް ބޭނުންކުރާނެކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
" މިގޮތަށް ނުފޫޒުގެ ބޭނުންކޮށްގެން ކަންކަން ނުކުރުމަށް އަޅުގަނޑު ރައީސް ޔާމީނަށް ގޮވާލަން. ރައީސް ޔާމީނަށް ދަންނަވާލަން ބޭނުންވަނީ 23 ސެޕްޓެމްބަރ 2018 ގައި ނެގޭ ވޯޓު ވާނީ ރައީސް ޔާމީން ސިއްސައި ވަޑައިގެންދާވަރަށް ބަލިވާނެ ވޯޓަކަށޭ. އެހެން މިދަންނަވަނީ މިތާ ޕޯޑިއަމްގެ ކައިރީގައި ހުރެފައެއް ނޫން. ރައްޔިތުން ގާތަށް ގޮސް ރައްޔިތުންނާ ވާހަކަދައްކާ، ރައްޔިތުން ދައްކާ ވާހަކަ އަޑުއަހާފައި ބުނާ އެއްޗެއް މިއީ. " މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ރައީސް ޔާމީނަކީ ވާދަވެރި ސިޔާސީ ނުފޫޒާ ބީރައްޓެހި ބޭފުޅެއްކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ތަންތަނަށް ވަޑައިގެންނަވާއިރު ފުލުހުން ބޭނުންކޮށްގެން އެތަންތަނާގައި ހުންނަ އިދިކޮޅު ޕާޓީތަކުގެ ދިދަތައް ނަގާ އިދިކޮޅަށް ނިސްބަތްވެވަޑައިގެންނަވާ މަޖިލީސް މެމްބަރުން ހައްޔަރުކުރާކަމަށް މާރިޔާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް