އެމްއެލްއެސްޑީޕީ އަކީ މެދުން ވާތް ފިކުރުގެ ޕާޓީއެއް، ޕާޓީ އުފެއްދުމުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށް

މޯލްޑީވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއަކީ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ހަރަކާތާއި ސޯޝަލް ޑިމޮކްރަސީގެ އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ، މެދުން ވާތް (ސެންޓަރ ލެފްޓް) ފިކުރުގެ ޕާޓީއެ...

09 Aug 2018 | 09:24

މޯލްޑީވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއަކީ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ހަރަކާތާއި ސޯޝަލް ޑިމޮކްރަސީގެ އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ، މެދުން ވާތް (ސެންޓަރ ލެފްޓް) ފިކުރުގެ ޕާޓީއެއް ކަމަށާއި މި ޕާޓީ އުފެއްދުމުގެ މަސައްކަތް ހަލުވި ސްޕީޑްގައި ކުރިއަށްދާކަމުގައި، މި ޕާޓީ އުފައްދަން ހުއްދަ ދީފައިވާ ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވެއްޖެ އެވެ.

ހަސީން މިހެން ވިދާޅުވެފައިވަނީ ނެރެފައިވާ ނޫސްބަޔާނެއްގައި އެވެ. އެ ބަޔާނުގައި ބުނެފައިވަނީ މި ބައިނަލްއަގްވާމީ އުސޫލުތައް ކުރިއަރުވާނީ އިސްލާމީ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ރާއްޖޭގެ އިގްތިސާދާ ރާއްޖޭގެ މުޖުތަމައާ ގުޅޭ ގޮތަށް ކަމަށެވެ. އަދި ރާއްޖެއަށް، މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ ޕާޓީއެއްގެ ބޭނުން އިންތިހާއަށް ބޮޑުވެފައިވާ ހިނދު، ޕާޓީގެ ސިޔާސަތުގެ އެންމެ މުހިންމު ބިންގަލެއް ކަމުގައިވާނީ، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމާއެކު ވާތު ފިޔައިގެ މެދުމިނުގެ ސިޔާސީ ފިކުރެއް ކުރިއެރުވުން ކަމަށެވެ.

"މީގެ އިތުރުން އަދުލު އިންސާފާއި އިޖްތިމާއީ އަދާލަތު، ލާމަރުކަސީ ހިންގުން، އަދި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރއްގީއަކީ މި ޕާޓީގެ މައިގަނޑު އަސާސްތަކެވެ. ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ޕާޓީތަކާ ހިލާފަށް، މި ޕާޓީގައި މަސައްކަތްތެރިންގެ ޖަމިއްޔާތަކާއި ޕްރޮފެޝަނަލް އެސޯސިއޭޝަންތަކަށް ހާއްސަ ދައުރެއް ލިބިގެންދާނެ އެވެ. މިގޮތުން ޕާޓީގެ ކައުންސިލްގައި މިފަދަ ޖަމިއްޔާތަށް ތަމްސީލުކޮށް ސިޔާސަތު އެކަށައެޅުމުގައި ބަސްކިޔުމުގެ ފުރުސަތު ލިބިދެވޭނެ އެވެ." އެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޕާޓީ އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ލިބުމާއެކު، އެންމެ މުހިންމު ކަމެއްގެ ގޮތުގައި މިހާރު ކުރިއަށްދަނީ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ކަމަށާއި ރާއްޖޭގެ މަސައްކަތްތެރިންގެ ޖަމިއްޔާތަކާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން ޕާޓީގެ އަސާސްތަކަށް ޝައުގުވެރިކަން ހުރި ފަރާތްތަކާއި ބައްދަލުކޮށް ތާއީދު ހޯދުމުގެ މަސައްކަތް ކަމުގައި ދަންނަވާކަމަށެވެ.

"މިގޮތުން ދިވެހިރާއްޖޭގެ އެންމެ ބޮޑު މަސައްކަތްތެރިންގެ ޖަމިއްޔާ، ޓޫރިޒަމް އެމްޕްލޯއީން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އާ 08 އޮގަސްޓް 2018 ވީ ބުދަ ދުވަހު ބައްދަލުކޮށް ޕާޓީގެ މައިގަނޑު އަސާސްތަކާއި ސިޔާސަތުތައް ހިއްސާކރުމުގެ އިތުރުން ޕާޓީގެ މަގްސަދު ހާސިލުކުރުމަށް ކުރާ މަސައްކަތްތަކުގައި ފުރިހަމަ އެއްބާލުރުމް ލިބޭނެކަމަށް ޓީމްއިން ބުނެފައިވާއިރު، ބައްދަލުވުމަށްފަހު ޓީމްއިން ކުރި ޓްވީޓްގައިވެސް ބުނެފައިވަނީ މަސައްކަތްތެރިންގެ ހައްގުތަކާއި ޓްރޭޑް ޔޫނިއަން ރައިޓްސްގެ އިތުރުން އިޖްތިމާއީ އަދާލަތަކީ އެންމެ މުހިންމު އަސާސްކަމުގައި ވާކަމީ މަސައްކަތްތެރިން ބަލައިގަންނަންޖެހޭ ކަމެއް ކަމަށެވެ." އެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޕާޓީގެ ވަގުތީ ކައުންސިލެއް އެކުލަވާލައި، ޕާޓީގެ އަސާސީ ގަވާއިދާއި ސިޔާސަތުތައް އެކުލަވާލައި، ޕާޓީގެ ހަރަކާތްތައް ރޭވުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމުގައިވެސް ދަންނަވާކަމަށެވެ.

އެމްއެލްއެސްޑީޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މި ހަފްތާގެ އާދީއްތަ ދުވަހުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް