ޗެލްސީން ދުނިޔޭގެ ރެކޯޑް އަގަކަށް އެތުލެޓިކް ކްލަބްގެ ޒުވާން ގޯލްކީޕަރ ކެޕާ އަރިޒަބަލާގާގެ ސޮއި ހޯދައިފިއެވެ.
ކެޕާގެ ޓްރާންސްފާ ރަސްމީކޮށް ޗެލްސީން އިޢުލާނު ކޮށްފައިވާއިރު، ބެލެވޭގޮތުގައި އެ ކްލަބުން ވަނީ އެތުލެޓިކް ކުލަބާއެކު ކެޕާ ހަދާފައިވާ އެއްބަސްވުން އުވާލެވޭ އަގުކަމަށްވާ 72 މިލިޔަން ޔޫރޯ ދައްކާފައެވެ. އެހެންކަމުން މިއާއެކު ކެޕާ ވެފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރަށެވެ. މީގެ ކުރިން ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރަކީ މި ސީޒަންގައި ރޯމާ އިން ލިވަޕޫލަށް ބަދަލުވި އެލީސަން ބެކާ އެވެ. ލިވަޕޫލުން އޭނާ ގަތީ 65 މިލިޔަން ޔޫރޯ އަށެވެ.
ކެޕާ ވަނީ ޗެލްސީ އާއެކު 7 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. ޗެލްސީން ޓްރާންސްފާ މާކެޓްގެ އެންމެ ފަހު ދުވަހު ބޮޑު އަގުގައި ގޯލްކީޕަރެއް މި ގަތީ އެ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރ ތިބައޯ ކޯޓުއާ ރެއާލް މެޑްރިޑަށް ބަދަލުވުމުންނެވެ.
"މިއީ އަހަރެންނަށް، އަހަރެންގެ ކެރިއާއަށް އަދި އަހަރެންގެ ޒާތީ ދިރިއުޅުމަށް ވެސް ވަރަށް މުހިންމު ނިންމުމެއް" ކެޕާ ޗެލްސީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިޔުއެއްގައި ބުނެފައިވެއެވެ.
ކެޕާ ޗެލްސީއަށް ބަދަލުވިކަން އެ ކްލަބުން ކަށަވަރު ކޮށްދިނުމުގެ ކުރިން ވެސް އެތުލެޓިކް ކްލަބުން ވަނީ ޗެލްސީން އެއްބަސްވުން އުވާލެވޭ އަގު ދައްކާފައިވާކަން ހާމަކޮށް، ކެޕާގެ ޚިދުމަތަށް ޝުކުރު އަދާކޮށްފައެވެ.
އުމުރުން 23 އަހަރު ކެޕާ ފާއިތުވި ދެ ސީޒަން އެތުލެޓިކް ކްލަބާއެކު ހޭދަކުރިއިރު، ކުޅުނު 50 މެޗުން އޭނާ ވަނީ ވިދުން ހުރި ޒުވާން ގޯލްކީޕަރަށް ވެފައެވެ. އަދި ވޯލްޑް ކަޕަށް ސްޕެއިނުން ނެގި ސްކޮޑުން ވެސް އޭނާއަށް ޖާގަ ލިބުނެވެ.
ކެޕާއަކީ އެތުލެޓިކް ކްލަބުގެ ޔޫތު އެކަޑަމީން ތަމްރީނު ކުރި ކުޅުންތެރިއެވެ. އޭނާ އެތުލެޓިކް ކްލަބްގެ ސީނިއާ ޓީމަށް ކުޅުމުގެ ކުރިން ލޯނު އެއްބަސްވުންތަކެއްގެ ދަށުން ސްޕެއިންގެ ދެ ވަނަ ޑިވިޝަންގެ ބައެއް ކްލަބްތަކަށް ވެސް ކުޅެފައިވެއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ހަޑާސްފީލްޑަރ ދެކޮޅަށް ނުކުންނައިރު ގޯލު ބެލެހެއްޓުން ގާތީ ކެޕާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް