ނަސީރުގެ އެއް ވައުދު: އަދުލު އިންސާފުގެ ބާރަށާއި ދައުލަތުގެ އިސް މަގާމުތައް ހޮވާނީ ސީދާ ރައްޔިތުންގެ ވޯޓަކުން

ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ކެނޑިޑޭޓެއްގެ ގޮތުގައ ދަފުތަރ ނަންބަރު 6562، ހުސެއިން ނަސީރު އަދި ނަސީރުގެ ރަނިންމޭޓެއްގެ ގޮތުގައި ޝެއިޚް ނަސްރުﷲ މުސްތަފާ ކެނޑިޑެސީ އިއްޔެ އިލެކްޝަން ކޮމިޝަންގަ...

09 Aug 2018 | 05:54

ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ކެނޑިޑޭޓެއްގެ ގޮތުގައ ދަފުތަރ ނަންބަރު 6562، ހުސެއިން ނަސީރު އަދި ނަސީރުގެ ރަނިންމޭޓެއްގެ ގޮތުގައި ޝެއިޚް ނަސްރުﷲ މުސްތަފާ ކެނޑިޑެސީ އިއްޔެ އިލެކްޝަން ކޮމިޝަންގައި ފައިލްކޮށްފައިވާއިރު ނަސީރުގެ އެއް ވައުދަކީ އަދުލު އިންސާފުގެ ބާރަށާއި ދައުލަތުގެ އިސް މަގާމުތަކަށް ބޭފުޅުން ހޮވާނީ ސީދާ ރައްޔިތުންގެ ވޯޓަކުން ކަމަށް ވާ ވައުދެވެ.

"ރައީސުލް ޖުމްހޫރިއްޔާ އާއި މަޖުލިހުގެ މެމްބަރުން، ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުކުރާ ފަދައިން، ޢަދުލުއިންސާފުގެ ބާރުގެ މުހިއްމު މަޤާމުތައް ކަމުގައިވާ އުއްތަމަ ފަނޑިޔާރާއި ހައިކޯޓުގެ އިސްފަނޑިޔާރު، ރައްޔިތުންގެ ސިދާ ވޯޓަކުން 10 އަހަރުގެ ދައުރަކަށް ހޮވުމަކީ ރައްޔިތުންގެ ބާރު ރައްޔިތުނަނަށް ގެނެސް ދިނުމަށް އަޅުގަނޑު ހުށަހަޅާ މުހިއްމު އެއް  ސިޔާސަތު. ހަމައެފަދައިން، ރައްޔިތުންގެ މަޖުލީހުގެ ރައީސް އާއި މަޖުލިހުގެ ނައިބުގެ މަޤާމުތަކަކީ، ރައްޔިތުންގެ މަޖުލީހަށް އިންތިހާބުކުރެވޭ މެމްބަރުންގެ ތެރެއިން ހޮވާލެވޭ ފަރާތްތަކެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، މި މުހިއްމު ދެމަޤާމަކީވެސް، ރައްޔިތުންގެ މަޖުލީހަށް މެމްބަރުން ހޮވާފަދައިން، ކޮންމެ ފަސް އަހަރަކުން އެއްފަހަރު ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރެވޭ ވަކި ދެމަޤާމު ކަމުގައި ހަމަޖެއްސުމާއި، މިދެމަޤާމަށް ރައްޔިތުން އިންތިޚާބުކުރާ ދެފަރާތަކީ، އެއްވެސް ދާއިރާއަކަށް ނިސްބަތްނުވާ މަޤާމުތަކެއް ކަމުގައި ކަނޑައެޅުމަކީވެސް މިފަދަ މުހިއްމު ބަދަލެއް." ނަސީރުގެ މެނިފެސްޓޯގައި ލިޔުއްވާފައި ވެ އެވެ.

އެ މެނިފެސްޓޯގައި ލިޔުއްވާފައިވާގޮތުގައި އިލެކްޝަން ކަމިޝަންގެ ރައީސް، އޮޑިޓަރ ޖެނެރަލް، މަރުކަޒީ ބޭންކުގެ ގަވަރުނަރ، ކަމިޝަނަރ އޮފް ޓެކްސޭޝަންސް އަދި އެހެނިހެން ހުރިހައި މިނިވަން މުވައްސަސާތަކުގެ އެންމެ އިސްވެރިންގެ މަޤާމުތަކަކީ ވެސް، ސީދާ ރައްޔިތުންގެ ވޯޓަކުން 10 އަހަރުގެ ދައުރަކަށް އިންތިހާބް ކުރެވޭ މަޤާމުތަކެއް ކަމުގައި ހަމަޖެއްސުމަކީވެސް ރައްޔިތުންގެ ބާރު އަނބުރާ ރައްޔިތުންގެ އަތަށް ގެނެސްދިނުމުގެ ސިޔާސަތުގެ މުހިއްމު ބަދަލެކެވެ.

"މިދެންނެވި ވޯޓުތައް، ހަރަދު ކުޑަކޮށް ނެގުމަށްޓަކައި، ދިވެހި ރާއްޖޭގެ ޑިމޮކްރެސީ މުޅީން ބަދަލުކޮށް، އެޑިމޮކްރެސީގެ ހަޤީޤީ ބާރުވެރިން ކަމުގައިވާ ދިވެހި ރައްޔިތުންގެ އަތަށް އޭގެ ބާރު ފޯރުކޮށްދިނުމުގެ ގޮތުން، ރާއްޖޭގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ ކޮންމެ ފަރުދަކަށް ރަޖިސްޓްރީ ކުރެވޭ މޯބައިލް އެޕްލިކޭށަނެއް ތައާރަފް ކުރުމާއި، މިއެޕްލިކޭށަނަކީ ބޭންކްތަކުން ފައިސާ ޓްރާންސްފަރ ކުރުމަށް ބޭނުންކުރާ ފަދަ ސަލާމަތްތެރިކަން ބޮޑު މޯބައިލް އެޕްލިކޭށަނެއްކަމުގައި ހެދުމާއި، މިދެންނެވި މޯބައިލް އެޕްލިކޭށަން މެދުވެރިކޮށް ދިވެހި ރައްޔިތުންގެ ޚިޔާލާއި ވިންދުހުރި ގޮތް، ބޭނުން އިރަކު، ފަސޭހަ ކަމާއި ޙަރަދު ކުޑަކަމާއިއެކު ބެލުމުގެ ފުރުސަތު ސަރުކާރަށް ލިބިގެން ދާނެ." ނަސީރުގެ މި ސިޔާސަތާއި ބެހޭގޮތުން ލިޔުއްވާފައި ވެ އެވެ.

ނަސީރުގެ މި ސިޔާސަތުގައި އިތުރަށް ލިޔުއްވާފައިވަނީ ރައްޔިތުންގެ ބާރު ފެންނަނީ ހަމައެކަނި ކޮންމެ ވޯޓެއްނަގާއިރު ކަމުގައި އޮންނަ އޮތުން ބަދަލު ކޮށް، ދައުރުގެ މެދުންވެސް މަޖުލީސް މެމްބަރުން ފަދަ ފަރާތްތައް ވަކިކޮށް، އަލުން އިންތިހާބް ބޭއްވޭނެ ނިޒާމެއް ތައާރަފް ކުރުމާއި، ރައްޔިތުންގެ ވޯޓަކުން އިންތިހާބް ކުރާ ފަރާތްތަކަކީ، ހަޤީޤީ މާނާގައިވެސް، ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ ބަޔަކަށް ހެދުމަކީ ދިވެހި ރައްޔިތުންގެ މިމެނިފެސްޓޯގެ އެއް އަސާސް ކަމަށެވެ.

މީގެ އިތުރުން "މިނިސްޓަރ" ކަމުގެ ލަޤަބަކީ ރައްޔިތުންގެ ޙާދިމަކަށް ވުމަށްވުރެ ބޮޑަށް ތިމާމީހާގެ ހައިބަތު މަތިކުރާ ނަމަކަށްވާހިނދު، މިމެނިފެސްޓޯ ވެގެންދާނީ، "މިނިސްޓަރ" ގެ ނަމުގެ ބަދަލުގައި އެވަޒީފާގެ ނަމަކީ، "ސެކެޓްރީ" ކަމުގައި ހަދާނެ މެނިފެސްޓޯ އަކަށް ކަމަށާއި މިސާލަކަށް "ސެކެޓްރީ އޮފް ސްޓޭޓް"، މިފަދަ ގޮތަކަށް މިނިސްޓަރ ކަމުގެ ނަން ބަދަލު ވެގެން ދާނެ ކަމަށާއި އަދި ހަމަ އެފަދައިން، އިލެކްޝަންސް ކޮމިޝަންފަދަ ހުރިހާ މިނިވަން މުއައްސަސާ ތަކުގެ ރައީސުންގެ މަޤާމުގެ ނަން، "ރައީސް" ގެ ބަދަލުގައި "ޗެއާރމަން" ފަދަ ނަމަކަށް ބަދަލު ކުރެވޭނެ. މިބަދަލުތަކުގެ ބޭނުމަކީ މިނިވަން މުއައްސަސާތަކުގެ "ރައީސުން"ގެ ހައިބަތު މިނަށްވުރެ ބޮޑުވެ، އެބޭފުޅުންނަކީ ރައްޔިތުންނަށް ޙިދުމަތްކުރައްވަން ތިއްބެވި ޚާދިމުންކަން ހަނދުމަފުޅު ނެތުނަ ނުދިނުން ކަމުގައިވެސް ނަސީރުގެ މެނިފެސްޓޯގައި ވެ އެވެ.

ނަސީރުގެ މެނިފެސްޓޯގައި ބަޔާންކުރައްވާފައިވާގޮތުގައި މި މެނިފެސްޓޯއަކީ މިހުރިހާ ދަތިތަކަކުން ޤައުމު ސަލާމަތްކޮށް، ރައްޔިތުންނަށް އުފާފާގަތިކަން ގެނެސް ސިޔާސީ ކަސްތޮޅުން ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދޭނެ ޕްލޭނެއް. މިމެނިފެސްޓޯއިން ސަރުކާރާއި ދައުލަތް ހިންގުމަށް 'އިންޤިލާބީ ބޮޑެތި' ބަދަލު، ދެމެހެއްޓެނިވި ގޮތެއްގައި ގެނެސް، މަލްޓިޕާޓީ ނިޒާމު ތަޢާރަފުވުމުން އުފެދުނު ރާޅުބާނީގައި ދިވެހީންނަށް ކުރިމަތިލާން ޖެހުނު ގެއްލުންތައް ފޫބައްދާނެ. ދައުލަތުގެ ހަޤީޤީ ބާރު ކަމުގައިވާ ރައްޔިތުންގެ ބާރު ރައްޔިތުންގެ އަތަށް އަނބުރާ ގެނެސްދޭނެ ހަމައެކަނި މެނިފެސްޓޯއަކީ މިއީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް