މިހާރު އުރީދޫ އެޕުވެސް ވަރަށް ތަފާތު: ދިވެހި ބަހުން ފަސޭހަ ކަމާއެކު ހިދުމަތް ހޯދާލެވޭނެ

ކޮންމެ ދިވެއްސަކަށްވެސް ފަސޭހައިން ބޭނުންކުރެވޭ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އުރީދޫ އިން ކުރާ އެކި މަސައްކަތްތަކުގެ ދަށުން، ދިވެހި ބަހުން ޚިދުމަތް ފޯރުކޮށްދޭ ފުރަތަމަ ސެލްފް-ކެއާ މޮބައ...

09 Aug 2018 | 04:35

ކޮންމެ ދިވެއްސަކަށްވެސް ފަސޭހައިން ބޭނުންކުރެވޭ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އުރީދޫ އިން ކުރާ އެކި މަސައްކަތްތަކުގެ ދަށުން، ދިވެހި ބަހުން ޚިދުމަތް ފޯރުކޮށްދޭ ފުރަތަމަ ސެލްފް-ކެއާ މޮބައިލް އެޕްލިކޭޝަން މިއަދު އުރީދޫ އިން ތައާރަފްކޮށްފިއެވެ.

ކޮންމެތާކު ހުރެގެން، އަދި ކޮންމެ ވަގުތެއްގައިވެސް އަމިއްލައަށް ޚިދުމަތް ހޯދުމަށްޓަކައި އުރީދޫގެ ކަސްޓަމަރުން ބޭނުންކުރަމުންދާ މައި އުރީދޫ އެޕްގެ ދިވެހި ވަރޝަން މިއަދު އެކުންފުނިން ތައާރަފްކުރީ، ދިވެހި ބަހުގެ އެކެޑެމީ އާއި ގުޅިގެންނެވެ. މި ހާއްސަ މުނާސަބަތުގައި ސެންޓްރަލް ހޮޓެލްގައި މިއަދު ހަވީރު ބޭއްވުނު ހަފްލާގައި، މިނިސްޓަރ އޮފް ހޯމް އެފެއާސް، އޮނަރަބަލް އަޒްލީން އަހުމަދު، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން އަދި ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ވަނީ ބައިވެރިވެފައިވެއެވެ.

"އާންމު ދުނިޔޭގައި ޑިޖިޓަލް ޓެކްނޮލޮޖީތަކާއި ޚިދުމަތްތަކުގެ ދައުރު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ދާއިރު، ފަސޭހަކަމާއި އެކު އަމިއްލަ ބަހުން މި ޚިދުމަތްތައް ބޭނުންކުރުމުގެ ފުރުސަތު އޮތުމަކީ ވަރަށްވެސް މުހިއްމު ކަމެއް. އަޅުގަނޑުމެންގެ ޚިދުމަތްތަކަކީ ކޮންމެ ދިވެއްސަކަށްވެސް ފަސޭހައިން ބޭނުންކުރެވޭ ޚިދުމަތްތަކަށް ހެދުމުގެ ނިޔަތުގައި، މައި އުރީދޫ އެޕް ދިވެހި ބަހުން ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ އަޅުގަނޑުމެންނަށް ލިބުނު އުފަލެއް. މި މުހިއްމު މަސައްކަތަށް، ދިވެހިބަހުގެ އެކެޑެމީއިން ދެއްވާފައިވާ އެއްބާރުލުން ފާހަގަކޮށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވިއެވެ.

މައި އުރީދޫ އެޕް ފަރުމާ ކުރެވިފައި ވަނީ، ކޮންމެތާކު ހުރެގެން، ކޮންމެ ގަޑިއެއްގައިވެސް އުރީދޫގެ ޚިދުމަތް ކަސްޓަމަރުންނަށް ހޯދޭނެ ގޮތަށެވެ. މި އެޕު މެދުވެރިކޮށް ލިބޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:

  • އެކައުންޓުގެ ބާކީ، ބޭނުން ކުރެވިފައިވާ މިންވަރު، އަދި ބިލުކުރެވިފައިވާ އަދަދު ހޯދުން
  • އެޑް-އޯންތައް އަދި އެހެނިހެން ޚިދުމަތްތައް ޚިޔާރުކުރެއްވުން
  • އުރީދޫގެ ބިލުތައް ބައްލަވައި، ބިލު ދެއްކުން
  • ރާސްޓަސް މެދުވެރިކޮށް، ޕްރީޕެއިޑް އެކައުންޓަށް ފައިސާ އެޅުން
  • ވެދުން ޕޮއިންޓްތައް ބައްލަވައި، ފައިދާހުރި ތަފާތު އެކި ކަންތައްތަކަށް ބޭނުންކުރެއްވުން
  • މަގޭ ޕްލޭން މެދުވެރިކޮށް، އަމިއްލަފުޅަށް ބޭނުންވާ ޕްލޭން ފަރުމާކޮށް ބޭނުންކުރުން، އަދި އެހެން ކަސްޓަމަރުންނަށް ހަދިޔާކުރުން.
  • ހިލޭ ގުޅޭ ނަމްބަރުތައް، އަދި ރީތި ޓިއުންސް ފަދަ ޚިދުމަތްތައް އެކްޓިވޭޓް ކުރެއްވުން.
  • އުރީދޫ އިން ކުރިއަށްގެންދާ ޚާއްޞަ ޕްރޮމޯޝަންތަކާއި، އޮފަރތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުން

ދިވެހި ބަހުން އުރީދޫ އެޕް ތައާރަފްކުރުމާއި އެކު އުރީދޫ އިން އުއްމީދު ކުރަނީ، މި ފަސޭހަ ޚިދުމަތްތައް އަމިއްލަ ބަހުން އިތުރު ކަސްޓަމަރުންނަށް ތަޖުރިބާ ކުރެވުމެވެ. މި ހާއްސަ ކުރިއެރުންތަކާއި އެކު ތައާރަފްކުރެވިފައިވާ މައި އުރީދޫ އެޕް، ގޫގުލް ޕްލޭ ސްޓޯރ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު ޑައުންލޯޑްކުރެވޭނެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، އައި.އޯ.އެސް ބޭނުންކުރައްވާ ކަސްޓަމަރުންނަށްވެސް، އެޕް ސްޓޯރ މެދުވެރިކޮށް ލިބިގެންދާނެއެވެ.

ޑިޖިޓަލް ދިވެހިރާއްޖެ އަކަށް އެއްބާރުލުންދީ، ދިވެހިބަހުން ބޭނުންކުރެވޭ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، އުރިދޫގެ ޕާޓްނަރުންނާއި ދިވެހި ޑެވެލޮޕަރުންނާއި އެކު އުރީދޫ އިން މަސައްކަތް ކުރަމުންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް