ލޯބީގެ ފުރަތަމަ ހަފްތާ: ލޯބީގެ މެދުގައި ގޮށް ޖަހާގޮތަށް ކޯރާޑި ތެޔޮފުޅި އަޅާލަން ނޫޅޭތި

ތިމާ އިންތިހާއަށް ލޯބިވާ މީހާ ތިމާއާއި ބައްދަލުވާން އާނބަސް ބުނެފިނަމަ އުފަލުގެ ކޮޅެއް ނެތްތާ އެވެ. އެ ވަގުތަކަށް އިންތިޒާރު ކުރަމުންދާއިރު ޑަން ޑަން ލާފައި ހިތް ތެޅޭނެކަމީވެސް ޝައްކެއް ވަސްވާހެއް އޮތ...

09 Aug 2018 | 04:13

ތިމާ އިންތިހާއަށް ލޯބިވާ މީހާ ތިމާއާއި ބައްދަލުވާން އާނބަސް ބުނެފިނަމަ އުފަލުގެ ކޮޅެއް ނެތްތާ އެވެ. އެ ވަގުތަކަށް އިންތިޒާރު ކުރަމުންދާއިރު ޑަން ޑަން ލާފައި ހިތް ތެޅޭނެކަމީވެސް ޝައްކެއް ވަސްވާހެއް އޮތް ކަމެއް ނޫނެވެ.

އެހެންނަމަވެސް ތެޅި ނުގަންނާށެވެ. މި ކަންކަމާއިމެދު ވިސްނާލައި ތައްޔާރުވާށެވެ. ތިމާއަށް   އެޅޭ ފިޔަވަޅަކުން، ބުނެވޭ ބަހަކުން ކުރެވޭ އިޝާރާތަކުން ތިމާގެ "ޑޭޓް" މުޅިން ފަނިވެސް ވެދާނެ އެވެ.

ކުރާ ނުކުރާހާ ކަމެއްގެ މައުލޫމާތު ހިއްސާ ކޮށްފާނެ ކަމަށް ހީނުކުރާށެވެ.

ދެ ހިތެއްގައި ލޯބި އުފެދި އޭގެ ޅަފަތުގައި ލޯބި ކުރިއަށްދާއިރު ލޯބިވެރިޔާ ކުރާ ނުކުރާހާ ހުރިހާ ކަމެއް ގަޑިއާއި ސިކުންތާއިއެކު ނޯޓުކޮށް ތިބާއަށް އަންގަމުން ދާނެ ކަމަށް އުންމީދު ނުކުރާށެވެ. އަދި އެ ފަދަ އުންމީދެއް ކުރާކަން ނަމަ ނަމަ ލޯބިވެރިޔާއަށް އިހުސާސްވިޔަ ނުދޭށެވެ. ނޫން ނަމަ ހަފްތާއެއް ނުވަނީސް ތިބާދެކެ ލޯބިވެރިޔާ ހިތްހަމަ ނުޖެހެން ފަށާފާނެ އެވެ.

ތެޅި ނުގަންނާށެވެ. ހިތުގެ ލަގަނުގައި ކުޑަކޮށް ހިފަހައްޓާލާށެވެ.

ތިބާ ތިބާގެ ލޯބިވެރިޔާދެކެ އިންތިހާ ލޯބިވާއިރު ލޯބީގެ އަލަތު ގުޅުން "ރޮކެޓް ސްޕީޑް"ގައި ކުރިއަށް ގެންދާން ބޭނުންވެދާނެ އެވެ. ލޯބިވެރިޔާގެ އާއިލާ މެމްބަރުންނާއި ރަހުމަތްތެރިންނާއި ދާދި އަވަހަށް ބައްދަލު ކުރުވާނެ ކަމުގައި އުންމީދު ކުރެވޭނެ އެވެ. ނަމަވެސް އެކަމުގައި ތެޅި ގަތުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެކަމުގައިވެސް ބައިވެރިޔާއަށް "ފޯސް" ކުރެވޭހެން ބައިވެރިޔާއަށް ހީވާ ނަމަ އެ ގުޅުން ދެމިއޮތުމަށްވުރެ ގާތީ ނެތުމެވެ.

ހިތް ކުދި ކުދި ވެދާޏެ ކަމަށްވެސް ތައްޔާރަށް ހުންނާށެވެ.

އަލަތު ލޯބީގައި މައިދާން ތަކުގައި ބައްދަލުވެ އެކަކު އަނެކަކަށް ލޯތްބާއި އަޅާލުން ބަދަލުކޮށް ލޯބީގެ ވާދީގައި ބެހެމުންދާއިރު ހިތް ކުދި ކުދި ކޮށްލާފަދަ ޖަވާބެއް ބައިވެރިޔާ ކުރެން ލިބިދާނެ ކަމަށް ވިސްނާ އެކަމަށްވެސް ތައްޔާރުވާން ވާނެ އެވެ. އެހެނީ ލޯބީގެ ޅަފަތުގައި އެކަކު އަނެކަކު ދެނެގަނެ ކަންކަމުގައި ބޭ އިހްތިޔާރުގައި ނަމަވެސް "ޖަޖު" ކުރެވޭނެ އެވެ. އަދި ކަމު ނުދާ ސިފައެއް، ސިފަތަކެއް ހުންނަ ނަމަ ލޯބީގެ ގޮށް ލަސް ނުކޮށް އަވަހަށް މޮހެލަން ބައިވެރިޔާ ބޭނުންވެދާނެ އެވެ. އެފަދަ ހާލަތަކަށް ކުރިމަތިލާން ހުންނަންވާނީ ފުރިހަމައަށް ތައްޔާރުވެ ދިރިއުޅުމައިގެން ކުރިއަށްދާން ކަމަރު ބަނދެގެންނެވެ.

ހޮނެސްޓީ އަކީ ބެސްޓު ޕޮލިސީ ނަމަވެސް ހަމަ ދިމާވާއިރު ހަޔާތު ނާމާ އޮއްސައި ނުލާށެވެ.

ލޯބީގެ ގޮތުން ގުޅި ހަމަ ދިމާވާއިރަށް ތިބާގެ ހުރިހާ "ޑާކް ސީކްރެޓް"ތައް ލޯބިވެރިޔާ ކުރިމަތީގައި އަތުރާ ނުލާށެވެ. މާދަމާވެސް ވަކިވާން ޖެހިދާނެ ކަމާއި ލޯބީގެ ޅަފަތުގައި ވަކި ވުމުގެ "ޕޮސިބިލިޓީ" ބޮޑުކަމުގައި ގަބޫލުކޮށް މަޑު މަޑުން ވާހަކަތައް ކުރިއަށް ގެންދާށެވެ.

އަނެކާ ޖަޖުކުރުމުގައިވެސް ވިސްނާލާށެވެ.

ޑޯންޓް ޖަޖް އަ ބުކް ބައި އިޓްސް ކަވާ އޭ އިނގިރޭސިން ބުނެ އުޅެތެވެ. ލޯބިވެރިޔާއާއި ބައްދަލުގެ ލޯބީގެ ހަޔާތުގައި ދެތިން ދުވަހެއް ވާއިރަށް އަނެކާ ޖަޖު ކުރަން ނުފަށާށެވެ. އަދި އަނެކާ އެންމެ ރަނގަޅަށް ދަންނަ މީހަކީ ތިބާ ކަމުގައިވެސް ނުދެކޭށެވެ. ނޫން ނަމަ އެ ލޯބީގެ ވާހަކައިގާ ތިއްކެއް ޖަހައި މާ އަވަހަށް ނިންމާލަން ބައިވެރިޔާ ބޭނުންވެދާނެ އެވެ.

ހަފްތާއެއްގެ ތެރޭގައި ބައިވެރިޔާ ދަސްކުރެވިދާނެ ކަމަށް އަދި ބައިވެރިޔާއަށް ކަންކަން އެނގިދާނެ ކަމަށް އުންމީދު ނުކުރާށެވެ.

ލޯބީގައި ހަފްތާއެއް ވާއިރަށް ބައިވެރިޔާ ގަޔާވާ ކަންކަމާއި ގަޔާ ނުވާ ކަންކަމާއި އަދި ބައިވެރިޔާއަށް ތިބާގެ އެކަންކަންވެސް އެނގި އެކަކު އަނެކަކަށް އެކުގައި ދަސްވާނެ ކަމަށް އުންމީދު ނުކުރާށެވެ. ކަންކަމުގައި ވަގުތު ނަގާނެ އެވެ. އެއީ ދުނިޔެ ހިނގާ އުސޫލެވެ. އިންސާނުން އެކަކު އަނެކަކު ދަސްކުރުމުގައިވެސް އޮންނާނީ ހަމަ އެ އުސޫލެވެ.

ޒުވާނުންގެ މެދުގައި މަޝްހޫރުވި ފާފު ޑަވިޔަނީގެ ލަވަ ލޯބީގެ މެދުގައި ގޮށެއް ޖަހައި އެ ގޮށުގެ ވަށައިގެން ދަވާދުލައި އެ ދަވާދު އެއްކޮށް ކަހާފައި ކޯރާޑި ތެޔޮ އަޅާލާ، މި ލަވައިގާ ބުނާހެން ކޯރާޑި ތެޔޮ ފުޅި އަޅާލަން ވާނީ ލޯބީގެ މެދުގައި ޖަހާ ގޮށަށްފަހު އެ ގޮށުގެ ވަށައިގެން ދަވާދުލުމަށްފަހު އަދި އެ ދަވާދު ރަނގަޅަށް ކަހާފައިވެސް މެ އެވެ.

https://www.youtube.com/watch?v=yA2dAPSqjzA

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް