މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީއެއްގެ ގައިގައި ތަޅައި އަނިޔާކުރި ފުލުހުންގެ ތަހުގީގު ކުރިއަށްދާނީ އިންސާފުވެރިކަމާ އެކީގައި ކަމަށާއި ބޭއިންސާފުން އެއްވެސް ފުލުހަކަށް ފިޔަވަޅެއް ނާޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އިމްރާން ކުރެއްވި ޓުވީޓެއް ވިދާޅުވީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކަށް އަނިޔާކުރި މައްސަލަ ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދުގެ ސަމާލު ކަމަށް އައިތާ ބައިގަޑިއިރު ތެރޭގައި ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި ކަމާ ބެހޭ މުއައްސަސާތަކާއި އާންމުންނަށް އޭގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށާއި އަމާޒަކީ ދެ ފުށް ފެންނަ ގޮތަކަށް މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަނިޔާއާ ދެކޮޅު. ބޭއިންސާފުން [ފުލުހުންގެ] އޮފިސަރަކާ މެދު އެއްވެސް ފިޔަވަޅެއް ނާޅާނަން. ފުލުހުންނާއި އާންމުންގެ ކިބައިން އެދެނީ އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާއިރު، ކަށަވަރު ނޫން މައުލޫމާތުތައް ނުފެތުރުމަށް،" އިމްރާން ކުރެއްވި ޓުވީޓުގައިވެ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކަށް އަނިޔާ ކުރި މައްސަލަ ވަނީ ހޫނުވެފަ އެވެ. އަދި އެމީހާ އަށް އަނިޔާ ކުރި މައްސަލައިގައި ހަތް ފުލުހަކު ސަސްޕެންޑްކޮށް ޖިނާއީ ތަހުގީގެއް ވަނީ ފަށައިފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ކުލަ ހެދުމުގައި ތިބި ދެ ތިން ފުލުހުން ވަނީ އަތުންނާއި ފައިން މީހަކަށް ހަމަލާދީފަ އެވެ. އަދި ގަލަކުން ވެސް އެމީހާގެ ގައިގައި ޖަހަ އެވެ. މަސްތުވާތަކެތީގެ މައްސަލާގައި އެގެއިން 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރު ކުރި އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ފުލުހުން އަނިޔާ ކުރީ އެ މީހާއަށެވެ.
ފުލުހުން ބުނިގޮތުގައި އެ އޮޕަރޭޝަނުގައި މ. އުޖާލާގެ އިން ވަނީ ގާތްގަނޑަކަށް 461 ގްރާމްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އަތުލައިގަނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް