އެމްޓީސީސީގެ ބޯޑަށް އާ ޑިރެކްޓަރުން އައްޔަންކޮށްފި

އެމްޓީސީސީގެ ބޯޑަށް އައު ޑިރެކްޓަރުން އައްޔަންކުރައްވައިފިއެވެ. ރޭ ހޮޓެލް ޖެންގައި ބޭއްވި އެކުންފުނީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެމްޓީސީސީގެ ބޯޑަށް އާންމު ހިއްސާދާރުން ތަމްސީލުކުރުމ...

09 Jul 2019 | 10:12

އެމްޓީސީސީގެ ބޯޑަށް އައު ޑިރެކްޓަރުން އައްޔަންކުރައްވައިފިއެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވި އެކުންފުނީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެމްޓީސީސީގެ ބޯޑަށް އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް ޑިރެކްޓަރުންގެ ގޮތުގައި އިންތިޚާބުކޮށްފައިވަނީ ފަތުހުﷲ އިސްމާޢީލްއާއި އަހުމަދު އަބޫބަކުރުއެވެ. ފަތުހުﷲ އިސްމާޢިލް އިންތިޚާބުވެފައިވަނީ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ނެގުނު ވޯޓުގެ 35 އިންސައްތައިންނެވެ. އަދި އަހުމަދު އަބޫބަކުރު އިންތިޚާބުވެފައިވަނީ ނެގުނު ވޯޓުގެ 34 އިންސައްތަ ލިބިގެންނެވެ.

މި ޖަލްސާގައި ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި 2019 ވަނަ އަހަރަށް ކުންފުންޏަށް އޮޑިޓަރުން ކަނޑައެޅުމުގެ އިތުރުން ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ބަހާނެ ހިއްސާއާއި ގުޅޭގޮތުން ޑިރެކްޓަރުންގެ ބޮޑުން ހުށަހަޅާފައިވާ ހުށަހެޅުމާއިމެދު ވޯޓު ނަގާފައިވެއެވެ.

އެގޮތުން މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ފައިދާ ދަށްވުމާއި ގުޅިގެން ޑިރެކްޓަރުންގެ ބޯޑުން ހިއްސާ ނުބެހުމަށް ހުށަހަޅާފައިވާ ހުށަހެޅުން ވަނީ ހިއްސާދާރުންގެ މެދުގައި ނެގުނު ވޯޓުގެ 97.8 އިންސައްތައިން ފާސްވެފައެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ 2018 ވަނަ އަހަރުގެ ފައިދާ މައިގަނޑުގޮތެއްގައި ދަށްވެފައިވަނީ ދަތުރުފަތުރުގެ ދާއިރާގައި ކުންފުންޏަށް ލިބުނު ގެއްލުމާއި ގުޅިގެންކަމަށެވެ.

އެގޮތުން 2018 ވަނަ އަހަރު ދަތުރުފަތުރުގެ ދާއިރާއިން 137 މިލިއަން ރުފިޔާ ލިބުނުއިރު 81.7 މިލިއަން ރުފިޔާގެ ގެއްލުން ކުންފުންޏަށް ލިބިފައިވާކަމަށް ޝާހު ވިދާޅުވިއެވެ. އަދި 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ދަތުރުފަތުރުގެ ދާއިރާއިން ކުންފުންޏަށް ލިބުނު އާމްދަނީ 137 މިލިއަން ރުފިޔާގައި އުޅުނު ނަމަވެސް 2018 ވަނަ އަހަރު ކުންފުންޏަށް ބޮޑެތި ގެއްލުން ލިބިފައިވަނީ ސިނަމާލެ ބްރިޖް ހުޅުވުމާއެކު ފެރީގެ ޚިދުމަތްތަކަށް ބުރޫ އެރުމުގެ ސަބަބުން ކަމަށް ޝާހު ފާހަގަކުރެއްވިއެވެ.

ޝާހު ވިދާޅުވީ ދަތުރުފަތުރުގެ ވިޔަފާރިން އެމްޓިސީސީއަށް ގެއްލުން ކުޑަކުރުމަށްޓަކައި ސަރުކާރާއި މަޝްވަރާކޮށްގެން ސަބްސިޑީ ހޯދުމުގެ މަސައްކަތް މިހާރު ކުންފުނިން ކުރަމުންދާކަމަށެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާއި ސަރުކާރާއި މަޝްވަރާކުރެވިގެން ސަބްސިޑީ ވަރަށް އަވަހަށް ހަމަޖެހޭނެކަމަށް ޝާހު ވިދާޅުވިއެވެ.

ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެމްޓިސީސީގެ އާމްދަނީއާއި ލިބޭ ގެއްލުމާ ގުޅިގެން ކުންފުނީގެ ބޯޑާއި ހިއްސާދާރުންގެ މެދުގައި ޚިޔާލު ބަދަލުކޮށްފައިވެއެވެ. އެގޮތުން ކުންފުނި އިތުރަށް ހަރުދަނާކުރުމަށް ހިއްސާދާރުން ކުންފުނީގެ ބޯޑަށް ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ.

އެމްޓީސީސީއަށް ފާއިތުވި އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.28 ބިލިއަން ރުފިޔާއެވެ. މިއީ 2017 ވަނަ އަހަރު ލިބުނު 1.29 ބިލިއަން ރުފިޔާގެ އާމްދަނީއަށް ވުރެ 0.85 އިންސައްތަ ދަށް އަދަދެކެވެ.

ޓެކުހަށް ކެނޑުމަށްފަހު ކުންފުންނަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 34 މިލިއަން ރުފިޔާއެވެ. މިއީ 2017 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ޖެހުނު 141 މިލިއަން ރުފިޔާއާއި ބަލާއިރު 76 އިންސައްތަ ދަށް އަދަދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް