އަނިޔާވެރިވެއްޖެ ނަމަ ފުލުހުންނާއި މެދުވެސް އަމަލުކުރާނީ އިންސާފުން: މިނިސްޓަރު އިމްރާން

މީހަކަށް އަނިޔާކޮށްފިނަމަ ފުލުހުންނާއި މެދުވެސް އަމަލުކުރެވޭނީ އިންސާފުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. ކުލަ ހެދުމުގައި ތިބި ފުލުހުންތަކެއް ގެއަކަށް ވަދެ މީހަކަށް އަނިޔާކުރ...

09 Jul 2019 | 08:38

މީހަކަށް އަނިޔާކޮށްފިނަމަ ފުލުހުންނާއި މެދުވެސް އަމަލުކުރެވޭނީ އިންސާފުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުލަ ހެދުމުގައި ތިބި ފުލުހުންތަކެއް ގެއަކަށް ވަދެ މީހަކަށް އަނިޔާކުރި މައްސަލައާއި ގުޅިގެން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަނިޔާވެރިކަމާއި ނާއިންސާފަކީ މި ސަރުކާރުން ބަލައިގަންނާނެ އެއްޗެއް ނޫން ކަމަށެވެ. އަދި ފުލުހުން އަނިޔާވެރިވެއްޖެ ނަމަ، އެމީހުން ވެސް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެ މައްސަލަ ރިޕޯޓުކުރެވުނުތާ 30 މިނެޓުގެ ތެރޭގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ސަމާލުކަމަށް ގެނެވުނު ކަމަށާއި، ވަގުތުން އެކަމަށް ފިޔަވަޅު އެޅުއްވި ކަމަށެވެ. އަދި އެމައްސަލައިގެ ތަފްސީލު ކަމާ ގުޅުންހުރި އިދާރާތަކަށް ރިޕޯޓު ކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

https://twitter.com/ShimranAb/status/1148489333168435200

ފުލުހުންތަކެއް ގެއަކަށް ވަދެ އަނިޔާކޮށްފައި ވަނީ ބިދޭސީ މީހަކަށެވެ. 36 އަހަރުގެ މި ބިދޭސީ މީހާ ފުލުހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. ފުލުހުން މިމީހާ އަށް އަނިޔާކޮށްފައި ވަނީ އެމީހާ ހައްޔަރު ކުރަން އުޅުމުގެ ތެރޭގައެވެ.

މި މައްސަލަ އާއި ގުޅިގެން، އަނިޔާކުރި ފުލުހުންގެ މައްޗަށް މިހާރު ދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ. އަދި ހަތް ފުލުހަކު މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ. މިކަހަމާއި ގުޅިގެން ގިނަ އަދަދެއްގެ ފުލުހުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް