ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑރިންގެ މައްސަލައިގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފިއެވެ.
މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގައެވެ.
އެ ދުވަހު ދައުލަތުން ވަނީ އެމަނިކުފާނާ ދެކޮޅަށް ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސާއި ނައިބު ރައީސް ވަނީ ހުށަހަޅާފައެވެ.
މި ދައުވާއަކީ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފްގެ ދެ ޗެކަކުން ޖަމާކުރި އެއް މިލިޔަން ޑޮލަރުގެ މައްސަލައިގެ ދައުވާއެވެ.އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮތް ސޭވިން އެކައުންޓަކަށް އެ ފައިސާ ޖަމާ ކުރުމަށް ފަހު ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް އެ ފައިސާ ޖަމާކުރި ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.
އެދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުން ނިންމާލީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދެ ފަރާތަށް ވެސް ފުރުސަތު ދިނުމަށްފަހުގައެވެ.
މި މައްސަލައިގެ ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް މި އަހަރުގެ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން އަމުރެއް ކުރިއެވެ. ނަމަވެސް އެ އަމުރު ހައި ކޯޓުން ވަނީ ފަހުން ބާތިލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް