ބީއެމްއެލްގެ "ކޮމިއުނިޓީ ފަންޑް" ގެ ފުރަތަމަ ޕްރޮޖެކްޓް: ނެއްލައިދޫއަށް ކޮމިއުނިޓީ ޕާކެއް

ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް ހިންގުމަށް އެހީތެރިވުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި  'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަ...

09 Jul 2019 | 07:06

ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް ހިންގުމަށް އެހީތެރިވުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި  'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ފުރަތަމަ ޕްރޮޖެކްޓް މިއަދު އިފްތިތާހު ކޮށްފިއެވެ.

މި ފަންޑުގެ ދަށުން، ބީއެމްއެލް އިން ވަނީ ހދ. ނެއްލައިދޫގައި ކޮމިއުނިޓީ ޕާކެއް ގާއިމުކޮށްފައެވެ. މިއީ ކޮމިއުނިޓީ ފަންޑުގެ ފުރަތަމަ ކުއާޓަރ ގައި ހޮވުނު 5 ޕްރޮޖެކްޓް ގެ ތެރެއިން އެއް ޕްރޮޖެކްޓް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ، މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެއް ކަމުގައެވެ.

"ބީ އެމްއެލް ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް މިވަނީ އިތުރުވެގެން ގޮސްފަ. މިގޮތުން މިއަހަރު ނިމޭއިރު އެއް މިލިއަން ރުފިޔާ މި ފަންޑުގެ ދަށުން ދޫކެރެވިގެންދާނެ. އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް ހުރި ކުއާޓަރތަކަށްވެސް ވީހާވެސް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބިގެން ދިޔުން." ބޭންކް ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި އައިޝަތު ނޫރައްދީން ވިދާޅުވިއެވެ.

ނެއްލައިދޫ ކޮމިއުނިޓީ ޕާކް ޕްރޮޕޯސަލް ކާމިޔާބު ކުރި ހާމިދު ރަޝީދު ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ހިތްގައިމު މާހައުލެއްގައި ބައްދަލުކޮށްލާނެ ރަނގަޅު މައިޒާނެއް ނުވަތަ ޕާކެއް އެރަށުގައި ނެތްކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ ނުލިބޭތީ މިއީ ނުކުރެވި އޮތް ކަމެއް ކަމަށެވެ. އެހެންކަމުން ބީއެމްއެލް އިން ޕްރޮޕޯސަލް އަށް ހުޅުވައިލުމުން ފުރުޞަތުގެ ބޭނުންހިފީ ކަމަށާއި، ޕްރޮޕޯސަލް ކާމިޔާބުވެ، މި ފަންޑް ލިބުމަކީ މުޅި މި ރަށަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައެވެ.

2018 ވަނަ އަހަރު ބީއެމްއެލް އިން ވަނީ "އަހަރެންގެ ބޭންކް" ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްވެސް ކުރިޔަށް ގެންގޮސްފައެވެ، މި ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް