ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ފާޓިމަތު ނިއުޝާ އައްޔަން ކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފި އެވެ.
ނިއުޝާ 2012 ވަނަ އަހަރުން ފެށިގެން މިއަދާ ޖެހެންދެން ހުންނެވީ އަމީން އާންމުގެ ނައިބުގެ މަގާމުގައި އެވެ. އެކަމަކު މިދިޔަ ފެބްރުއަރީ މަހު އަމީން އާންމުގެ މަގާމުން އަހުމަދު މުހައްމަދު އިސްތިއުފާދެއްވުމާއި ގުޅިގެން މިހާތަނަށް އަމީން އާންމުގެ މަގާމު އަދާ ކުރައްވަމުން ގެންދަވަނީ އޭނާ އެވެ.
މިއަދުގެ ޖަލްސާގައި ނިއުޝާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ފާސް ކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 33 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެއީ ޕީޕީއެމް/ އެމްޑީއޭ ކޯލިޝަންގައި ހިމެނިވަޑައިގެންނަވާ މެންބަރުން އެކަންޏެވެ.
އޮސްޓްރޭލިއާގެ ނެޝަނަލް ޔުނިވަސިޓީ އާއި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ތައުލީމް ހާސިލް ކުރެއްވި ނިއުޝާ ވަނީ ބެޗްލަސް އޮފް ލޯ އިން ހޮނޯސް ޑިގްރީ ހާސިލް ކުރައްވައިފަ އެވެ. އަމީން އާންމަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު، 55،000ރ. ލިބިވަޑައިގަންނަވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ރައީސް އަބްދުﷲ މަސީހު ވިދާޅުވީ އަމީން އާންމުގެ މަގާމަށް މީހަކު ހޯދުމަށް އިއުލާނު ކުރުމުން ކުރިމަތި ލެއްވީ ނިއުޝާ އެކަނި ކަމަށެވެ.
މީގެ ކުރިން ނިއުޝާ ވަނީ މަޖިލީހުގެ ލީގަލް ކައުންސިލްގެ މަގާމުވެސް އަދާ ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް