ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހުތައް ތަސްދީގު ކުރައްވައިފި

ރިޔާސީ އިންތިހާބުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި ދެ އިސްލާހެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތަސްދީގު ކުރައްވައިފި އެވެ. ރައީސް ޔާމީން މިއަދު ތަސްދީގު ކުރެެއްވީ ރިޔާސީ އިންތިހާބުގައި ...

09 Jul 2018 | 07:47

ރިޔާސީ އިންތިހާބުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި ދެ އިސްލާހެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތަސްދީގު ކުރައްވައިފި އެވެ.

ރައީސް ޔާމީން މިއަދު ތަސްދީގު ކުރެެއްވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ހުށަހަޅަންޖެހޭ ފީގެ އަދަދު ބޮޑުކޮށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ހުށަހެޅުއްވި އިސްލާހެވެ. އެ އިސްލާހުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން ދައްކަންޖެހޭ އިދާރީ ފީ 100،000 ރުުފިޔާއަށް ބޮޑުކުރުމަށެވެ.

ދެން މިއަދު ރައީސް ތަސްދީގު ކުރެއްވީ އެ ގާނޫނަށް ގެނައި ދެވަނަ އިސްލާހު ކަމަށްވާ ރާއްޖޭގެ އިތުރުން އެހެން ގައުމެއްގެ ރަށްވެހިކަން ހޯދާފައިވާ މީހަކު ބޭރުގެ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭ ނެ ކަމަށް ބުނެފައިވާ އިސްލާހާއި ގައުމަކުން ހިމާޔަތް ހޯދަގެން އުޅޭ މީހުން ހިމާޔަތް ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ގެނެސްފައިވާ އިސްލާހެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.

ރައީސް އޮފީހުން ބުނީ މި އިސްލާހު ތަސްދީގުކުރެއްވުމާ ގުޅިގެން މިއަދު ގެޒެޓުކޮށްފަ ވާ ކަމަށެވެ. ގެޒެޓު ކުރުމާ އެކު މިއަދުން ފެށިގެން އިސްލާހަށް އަމަލުކުރަން ފަށާނެއެވެ.

އެހެން ކަމުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ފީގެ ގޮތުގައި އެއް ލައްކަ ރުފިޔާ ހުށަހަޅަން ޖެހޭނެ އެވެ. އިންތިހާބުގައި ވާދަ ކުރާކަން އިއުލާނު ކުރައްވާފައިވަނީ ރައީސް އަބްދުﷲ ޔާމީން، އެމްޑީޕީން އިބްރާހިމް މުހައްމަދު ސޯލިހު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން އެވެ.

މީގެ އިތުރުން ބިލް ތަސްދީގު ކުރެވުމާއި އެކު ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ އިތުރުން ޖެހިގެން އޮންނަ ރިޔާސީ އިންތިހާބުގައިވެސް ބޭރު ގައުމުތަކުން ހިމާޔަތް ހޯއްވަދައިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޖޭޕީގެ ބާނީ ގާސިމް އިބްރާހިމް އަދި ޑރ. މުހައްމަދު ޖަމީލް މެންފަދަ ބޭފުޅުންނަކަށް އިންތިހާނުގައި ވާދައެއް ނުކުރެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް