ތައިލޭންޑްގެ ހޮހޮޅައެއްގައި ފުޓްބޯޅަ ޓީމެއްގެ 12 ކުދިންނާއި އެ ޓީމުގެ ކޯޗު ތާށިވެ 16 ދުވަސް ފަހުން އިއްޔެ އެ ކުދިންގެ ތެރޭން ހަތަރު ކުއްޖަކު ސަލާމަތް ކޮށްފައިވާއިރު އެ ކުދިން ސަލާމަތް ކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރާ އެކަކީ އޮސްތްރޭލިޔާގެ ޑަކުޓަރެއް ކަމުގައިވާ ޑރ. ހެރިސް ރިޗަޑެވެ.
ކުދިން ސަލާމަތް ކުރުމުގައި ލީޑު ކުރަމުން އަންނަ ޗިއަންގް ރައިގެ ކުރީގެ ގަވަރުނަރު ނަރޮންގސަކޯސޮއްތަނާކޯން ކުދިން ސަލާމަތް ކުރުމުގެ އެ އޮޕަރޭޝަން އިއްޔެ ފެށީ އިއްޔެއަކީ އެކަމަށް އެންމެ އެކަށޭނެ ދުވަސް ކަމުގައި ބުނުމަށްފަހުގައި އެވެ. ގާތްގަނޑަކަށް ދިހަ ގަޑިއިރުގެ އިއްޔެގެ އޮޕަރޭޝަންގައި ހަތަރު ކުދިން ސަލާމަތް ކޮށްފައިވާއިރު އޭނާ ބުނެފައިވަނީ އޮޕަރޭޝަންގެ ކަންކަން ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ.
ހޮހޮޅައިގެ ތެރެއިން ކުދިން ނެރުމުގައި އިސްކަމެއް ދެމުން އަންނަނީ އެންމެ ފުރަތަމަ ސިއްހީ ގޮތުން އެންމެ ރަނގަޅު ކުދިން ނެރުމަށެވެ.
ކުދިންގެ ސިއްހަތުގެ ކަންކަން ބެލުމަށް ހޮހޮޅައިގާ އެ ކުދިންނާއެކު ހުރީ ކޭވް ޑައިވަރު އަދި އެނެސްތެސިސްޓް ޑރ. ރިޗަޑް ހެރިސް އެވެ. އެއީ އުމުރުން 53 އަހަރުގެ އޮސްޓްރޭލިޔާގެ ޑަކުޓަރެކެވެ.
ޑރ. ހެރިސް އެ ކުދިން ހޮހޮޅައިގާ ތާށިވެފައިވާ ހިސާބަށް ދިޔައީ އިއްޔެ އެވެ. އަދި ޑރ. ހެރިސް ދެން ހޮހޮޅައިން ނިކުންނާނީ އެންމެ ފަހު ކުއްޖާ ނުވަތަ ފަހު މީހާއާއި އެކު ކަމަށް ބުނެފައި ވެ އެވެ.
ޑރ. ހެރިސް އަކީ ކޭވް ޑައިވިން ކުރުމުގައި 30 އަހަރުގެ ތަޖުރިބާ ހުރި ޑައިވަރެކެވެ. ކޭވް ޑައިވިން ކޮމިއުނިޓީ ރަނގަޅަށް ދަންނަ އަދި ދުނިޔޭގެ ރެކޯޑް މުގުރާލާފައިވާ އަންޑަވޯޓާ ކޭވް ސިސްޓަމް އެކްސްޕްލޮރޭޝަނެއްގައިވެސް އިސްކޮށް މަސައްކަތްކޮށްފައިވާ ޑައިވަރެކެވެ.
ތައިލެންޑްގައި ހޮހޮޅައިގާ ތާށިވެފައިވާ ކުދިން ސަލާމަތް ކުރުމަށް ޑރ. ހެރިސް ވޮލަންޓިއާ ކުރީ މިދިޔަ ހަފްތާގެ ތެރޭގައި އެވެ. އެ ކުދިން ސަލާމަތް ކުރުމަށް ޑރ. ހެރިސް އޭނާގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ލާތީ ގިނަ ބަޔަކު އަންނަނީ އޭނާއަށް ހިތްވަރުދީ ތަރުހީބު ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް