ތައި ހޮހޮޅައިގާ ތާށިވެފައިތިބި 12 ކުދިންނާއި އެ ކުދިންގެ ކޯޗު ސަލާމަތް ކުރުމަށް، ޕޭޕާލް އަދި ސްޕޭސް އެކްސް ރޮކެޓް ކުންފުނީގެ ވެރިޔާ އެލޮން މަސްކު ކުޑަ ސަބްމެރިންއެއް އުފައްދައި އެ ސަބްމެރިން ޓެސްޓް ކުރަން ފަށައިފި އެވެ.
ޓެސްލާ ކުންފުނީގެވެސް ވެރިޔާ މި ސަބްމެރިން އުފައްދާފައިވަނީ އޭނާގެ ކުންފުނީގެ އިންޖިނޭރުންނާއެކުގައި އެވެ. ހޮހޮޅައިން ކުދިން ސަލާމަތްކުރުމުގައި އެހީވާނެކަން މަސްކު ކުރިން ވަނީ އިއުލާނު ކޮށްފަ އެވެ.
މަސްކު ބުނެފައިވަނީ އެ ސަބްމެރިން އުފައްދާފައިވަނީ ތައިލެންޑް ހޮހޮޅަ ކައިރީގައި ކުދިން ސަލަމާތް ކުރުމަށް ހަރަކާތްތެރިވާ ޓީމުގެ އިރުޝާދާއި އެކުގައި ކަމަށެވެ.
https://twitter.com/elonmusk/status/1016029967270928384
މި ސަބްމެރިންއާއި މެދު އޭނާ ބުނެފައިވަނީ އޮކްސިޖަން ޕޯޓްސް ބޭރަށް ހަރުކޮށްފައިވާ މި ސަބްމެރިން ތައްޔާރުކޮށްފައިވަނީ ހިލަތަކުގައި ޖެހުނަސް ގޮތެއް ނުވާނެ ގޮތަށް އަދި ހޮހޮޅައިގާ ހުރި ކަމަށް ބުނާ އެންމެ ދަތި ދޭތެރެތަކުންވެސް ދެވޭވަރަށް ކަމަށެވެ. އަދި ޑައިވަރުންނަށް އެ ސަބްމެރިން ހިފައިގެން ދަތުރުކުރެވޭ ގޮތަށެވެ.
މި ސަބްމެރިން ޓެސްޓްކުރާ ވީޑިއޯއެއްވެސް ޓްވިޓާގައި މަސްކު ޕޯސްޓް ކޮށްފައިވާއިރު މަސްކު އިތުރަށް ބުނެފައިވަނީ އަންނަ އާދީއްތަ ދުވަހާއި ހަމައަށް އިތުރަށް ޓެސްޓްކޮށް ސަބްމެރިން އިތުރަށް ފައްކާކުރާނެ ކަމަށާއި އަދި 17 ގަޑިއިރުގެ ފްލައިޓެއްގައި އެއަށްފަހު އެ ސަބްމެރިން ތައިލެންޑަށް ފޮނުވާނެ ކަމަށެވެ.
އެކި ގައުމުތަކުގެ ޑައިވަރުންނާއި ކަމުގެ ތަޖުރިބާކާރުން އެކުލެވޭ ބޮޑު ޓީމަކުން އެ ކުދިން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު 12 ކުދިންގެ ތެރޭން އިއްޔެ ވަނީ ހަތަރު ކުއްޖަކު ސަލާމަތް ކޮށްފަ އެވެ. ބާކީ ތިބި އަށް ކުދިންނާއި ކޯޗު ސަލާމަތް ކުރުމަށް މިއަދުވެސް އެ އޮޕަރޭޝަން ކުރިއަށްގެންދާނެކަން ވަނީ ހާމަކޮށްފަ އެވެ.
ތައިލެންޑްގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވާގޮތުގައި ސަލާމަތްކުރި ހަތަރު ކުދިންނަކީ ސިއްހަތު އެންމެ ރަނގަޅު ހަތަރު ކުދިންނެވެ. އަނެއް ކުދިންގެ ސިއްހަތު ރަނގަޅު ކުރުމަށް ޑަކުޓަރަކާއި ނަރުހެއްގެ އިތުރުން ޑައިވަރުންގެ ސަޕޯޓް ޓީމެއް އެ ކުދިންގެ ކައިރީގައި އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް