ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާޜުނެތްކަމުގެ ވޯޓުގެ މައްސަލައިގަ ރިޝްވަތުދޭން އުޅޭކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޖުމްހޫރީ ޕާޓީގެ މެންބަރު އަހުމަދު ޝާފިއު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އޭނާގެ ގާނޫނީ ވަކީލު އަލީ ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝާފިއު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ އިތުރު ހެކި ފުލުހުންނަށް ހުށަހެޅިފައި ނުވާތީ ކަމަށެވެ. ޝާފިއު ހައްޔަރުކުރީ އިދިކޮޅު ކޯލިޝަނުން މިމަހުގެ ތިން ވަނަ ދުވަހުގެ ރޭ ކުނޫޒުގައި ބޭއްވި ބޮޑު ޖަލްސާ އަށް ފަހު، އެ ސަރަހައްދުންނެވެ.
މަސީހުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތު ފުލުހުން ކުރަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށެވެ. ފުލުހުން ބުނީ ފާރިސް އާއި ދެކޮލަށް ސާބިތު ހެކި ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގަ އިތުރު މީހަކު ހޯދަމުންދާ ކަމަށެވެ.
ފުލުހުން ހޯދަމުން ދަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިސް ބޭފުޅެއްކަމަށްވާ އަހުމަދު ސޮފްވާނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް