ސުކޫލް ދައުރު ނިމުމާއެކު މަލާލާ ޓްވިޓާއަށް

ތާލިބާނު ހަނގުރާމަވެރިން ދިން ބަޑީގެ ޙަމަލާއެއްގައި ޒަޙަމްވި، އަންހެން ކުދިންގެ ތަޢުލީމީ ޙައްޤުތަކަށް މަސައްކަތްކުރާ ޕާކިސްތާނުގެ އެކްޓިވިސްޓް މަލާލާ ޔޫސުފާޒީ ސުކޫލު ނިމުމާއެކު ޓްވިޓާ ބޭނުންކުރަން ފަށ...

09 Jul 2017 | 05:49

ތާލިބާނު ހަނގުރާމަވެރިން ދިން ބަޑީގެ ޙަމަލާއެއްގައި ޒަޙަމްވި، އަންހެން ކުދިންގެ ތަޢުލީމީ ޙައްޤުތަކަށް މަސައްކަތްކުރާ ޕާކިސްތާނުގެ އެކްޓިވިސްޓް މަލާލާ ޔޫސުފާޒީ ސުކޫލު ނިމުމާއެކު ޓްވިޓާ ބޭނުންކުރަން ފަށައިފި އެވެ.

މަލާލާ 2012 ވަނަ އަހަރު ޓުވިޓާ އެކައުންޓު ހުޅުވި ނަމަވެސް ބޭނުމެއް ނުކުރެ އެވެ.

އުމުރުން 19 އަހަރުގެ މަލާލާ ޓުވިޓާއަށް ވަނީ ސްކޫލް ނިމުނު ދުވަހު އެވެ. އަދި ހަމަ އެ ވަގުތު ހަނދާންވީ ޓްވިޓާ ބޭނުންކުރުމުގެ ފުރުޞަތު ނުލިބި އެތައް މިލިއަން އަންހެން ކުދިންނެއް އުޅެމުންދާކަން ކަމަށް މަލާލާ ބުންޏެވެ.

އަންހެން ކުދިންނަށް ތަޢުލީމީ ފުރުޞަތުތައް ހޯދާއިދިނުމަށް އެދި މަލާލާ އޭނާގެ އުމުރުން 11 އަހަރުގައި ބުލޮގެއް ލިޔުނެވެ.

މަލާލާއަށް ތަލިބާނުގެ ހަނގުރާމަވެރިން ޙަމަލާދިނީ އޭގެ ފަހުންނެވެ. ސުކޫލް ބަހުގައި މަލާލާ ސުކޫލަށް ދަނިކޮށް އޮކްޓޯބަރ 2012 ގައި ދިން އެ ޙަމަލާއާއި ގުޅިގެން ބައިނަލްއަޤުވާމީ އެތައް ފަރާތަކުން އެކަން ކުއްވެރިކޮށްފައިވެ އެވެ. އޭރު މަލާލާގެ އުމުރަކީ 15 އަހަރެވެ.

ޙަމަލާއާއި ގުޅިގެން ލިބުނު ޒަޙަމްތަކަށް މަލާލާ ފަރުވާކުރީ އިނގެރޭސިވިލާތުންނެވެ. އަދި ޒަޙަމްތައް ފަސޭހަވުމާއެކު އޭނާގެ ޢާއިލާއިން އަނބުރާ ޤައުމަށް ނުގޮސް މަލާލާއަށް އިނގެރޭސިވިލާތުގައި ކިޔާވާދޭން މަޑުކުރި އެވެ.

މިދިޔަ ހުކުރު ދުވަހު ޓްވިޓާ ބޭނުންކުރަން ފެށުމަށްފަހު މަލާލާ ބުނީ ޓުވިޓާރަގައިވެސް އޭނާ އަންހެން ކުދިންގެ ތަޢުލީމީ ޙައްޤުތަކަށް މަސައްކަތްކުރާނެކަމަށާއި، އޭނާއާއެކު އެހެން އެންމެވެސް މަސައްކަތްކޮށްދިނުމަށް އެދިފައިވެ އެވެ. އަދި އޭނާގެ ކެމްޕެއިން ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދަން ނިންމާފައިވާކަމަށްވެސް މަލާލާ ބުންޏެވެ.

މަލާލާއަށް މިހާރުވަނީ އިނގެރޭސިވިލާތުގެ މަތީ ޔުނިވާރސިޓީއަކުން ތަޢުލީމު ޙާސިލްކުރުމުގެ ފުރުޞަތުވެސް ލިބިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް