ޖެރުސަލާމުގެ ބޭރުން 49 ކިލޯމީޓަރު ދުރުގައި ވެސްޓު ބޭންކުގެ ނަބުލުސް ސިޓީގައި ބޯކޮށާ ފިހާރާއެއް ހިނގާ މީހެކެވެ. އުމުރުން މިހާރު 90 އަހަރުވެފައިވާ، ވަލީދު ހަލަވާ ކިޔާ އެ މީހާ އެ ފިހާރަ ހިނގާތާ މިހާރު 70 ވަރަކަށް އަހަރުވެއްޖެ އެވެ.
ހަލަވާވަނީ ފަލަސްތީނުގައި މިހާރު ހުރި އެންމެ ގިނަ ދުވަސްވީ ބޯކޮށާ ފިހާރައަށް އޭނާގެ ފިހާރަވުމާއި އަދި އެކަން ކުރަން ފެށުނުގޮތް ކިޔާދީފަ އެވެ. ހަލަވާއަށް އެކަން ކުރަން ފަށަންޖެހުނީ އޭނާގެ ބައްޕަ މަޖުބޫރުކޮށްގެންނެވެ. ހަލަވާ ބުނީ އޭނާގެ ބައްޕައަކީ އޭނާދެކެ ވަރަށް ލޯބިވާ، ނަމަވެސް ހަރުކަށި އުސޫލުތަކެއް ގެންގުޅު މީހެއްކަމަށެވެ.
ލޯބިވާކަން ހާމަކޮށްދެމުން ހަލަވާ ބުނީ އޭނާގެ ބައްޕަ މެއްސެއްވެސް އޭނާއާއި ކައިރިވިޔަ ނުދޭކަމަށެވެ.
އޮތީ ދެ ގޮތެއް ކަމަށާއި، އެއްގޮތަކީ ޖަލަށް ދިއުން، ނޫނީ އަނެއްގޮތަކީ ރަނގަޅު ފައިސާ ލިބޭ މަސައްކަތެއް ކުރުންކަމަށް ބައްޕަ އަބަދުވެސް ބުނާކަމަށް ހަލަވާ ބުންޏެވެ. އެހެންކަމުން ބައްޕަ ރުއްސާދިނުމަށް 1954 ވަނަ އަހަރު ހަލަވާ ބޯކޮށާ ފިހާރައެއްގެ މަސައްކަތް ފެށި އެވެ.
ރަނގަޅު މަސައްކަތެއް ނުފަށައިފި ނަމަ ޖެހޭނީ އުމުރގެ ކޮންމެސް ހިސާބަކުން ޖަލުގެ ތޭރިތަކަށް ކޮންމެސް ސަބަބަކާއި ހެދި ނުވަތަ އެއްވެސް ކުށެއް ނެތި ދާން ކަމަށް އޭނާ ބުންޏެވެ.
މިދިޔަ ހޮނިހިރު ދުވަހު އޭނާ ވަނީ 90 ވަނަ އުފަންދުވަސް އާއިލާ އާއި އެކު ފާހަގަ ކޮށްފައި އެވެ. ހަލަވާ ބުނީ އޭނާގެ އުފަންދުވަހުގެ ހުރިހާވެސް އުފަލަކަށްވީ އޭނާގެ އަންހެން ދަރިންކަމަށެވެ. އެތަނުން އެއްކުއްޖަކު މިހާރު މުނިސިޕަލްޓީގައި މަސައްކަތްކުރާތީ އޭނާ އުފަންދުވަހު ލަވަކިޔާ އެކަން އުފަލުން ފާހަގަކުރި އެވެ.
ހަލަވާގެ އަންހެނުން މަރުވީ މީގެ 11 އަހަރު ކުރިންނެވެ. އަދި އޭނާގެ އަންހެނުން ދުނިޔޭގައި ހުރިއިރު އަންހެން މީހުން މާ ގިނައިން އޭނާގެ ބޯކޮށާ ފިހާރައަށް އަންނާތީ ސުވާލުކުރާކަމަށް ހީލަމުން ކިޔާދިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް