ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 200 ބިދޭސީއަކު ފުރުވާލައިފި އެވެ.
މިއަދު ފުރުވާލާފައިވާ އެންމެންނަކީވެސް ބަންގްލަދޭޝް މީހުންނެވެ. އެ މީހުން ފުރުވާލާފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި އެވެ.
މިއީ މޯލްޑިވިއަންއިން ބަންގްލަދޭޝްއަށް މީހުން ގޮވައިގެން ކުރި 10 ވަނަ ދަތުރެވެ. މީގެ ކުރިން ގަވައިދާ ހިލާފަށް އުޅެމުން ދިޔަ މީހުން ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓާއި އެ ގައުމުގެ ގައުމީ އެއާލައިން ބިމާން އެއާލައިންގައި ފުރުވާލާފައިވެ އެވެ.
މިއަދު ފޮނުވާލި 200 މީހުންނާއި އެކު ގަވައިދާ ހިލާފަށް އުޅެމުންދިޔަ މީހުންގެ ތެރެއިން 1،900 އަށްވުރެ ގިނަ މީހުން ފޮނުވާލެވުނީ އެވެ. ސަރުކާރުގެ އަމާޒަކީ ތިން މަސްދުވަސް ތެރޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ 5،000 މީހުން ފުރުވާލުމެވެ.
ރާއްޖޭގައި ކޯވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މިހާތަނަށް ރާއްޖެއިން އެންމެ ގިނައިން ޕޮސިޓިވްވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން1،000 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވެފައިވާއިރު ބިދޭސީންގެ ތެރެއިން މި ބަލީގައި މަރުވެފައިވަނީވެސް އެ ގައުމުގެ މީހުންނެވެ.
މިހާތަނަށް ބަންގްލަދޭޝްގެ ހަތަރު ބަންގްލަދޭޝް މީހަކު ވަނީ ކޯވިޑް ޖެހިގެން ރާއްޖޭގައި މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް