ކިޔަވައިދޭން ފެށުމަށް ތައްޔާރުވާން ސްކޫލްތަކަށް އަންގައިފި

ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމަށް ތައްޔާރުވާން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއި ކުރައްވާ ސްކޫލްތަކަށް ފޮނުއްވާފައިވާ ސާކިއުލާގައި ބުނެފައިވަ...

09 Jun 2020 | 13:23

ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމަށް ތައްޔާރުވާން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއި ކުރައްވާ ސްކޫލްތަކަށް ފޮނުއްވާފައިވާ ސާކިއުލާގައި ބުނެފައިވަނީ ކޯވިޑް-19 ގެ ބަލިމަޑުގެ ހާލަތަށް ބެލުމަށް ފަހު ސްކޫލްތައް ހުޅުވައި ކިޔަވައިދޭން ފެށުމާއި ގުޅޭގޮތުން އެޗްޕީއޭއާއި އެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ސްކޫލްތައް ފަށާއިރު ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރަން ބޭނުންވާ މައުލޫމާތާއި އިރުޝާދު ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސާކިއުލާގައި ބުނެފައިވާ ގޮތުގައި ސްކޫލުގެ ދަންފަޅިތަކުގެ އަދަދާއި ހާޒިރުވާންޖެހޭ ގްރޭޑުތައް ކަނޑައަޅާނީ ސްކޫލުގެ އާބާދީ އާއި ރަށުގެ ބަލިމަޑުކަމުގެ ހާލަތަށް ބެލުމަށްފަހުގައި ކަމަށެވެ. ސްކޫލުގެ އިދާރީ ހިންގުމާއި ކިޔަވައިދިނުމުގެ އިންތިޒާމްތަކާއި ދަރިވަރުންނާއި މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރަން މި ހާލަތުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ.

ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރިނަމަ ދަރިވަރުންނާއި މުވައްޒަފުން އަދި ޓީޗަރުން ސުކޫލަށް ގޮސްގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ. އަދި ސުކޫލަށް ހާޒިރުވުމުގައި ލުއި ދިން ނަމަވެސް ދަރިވަރުން ކިޔެވުމުން އެއްކިބާނުވާކަން ސްކޫލްތަކުން ކަށަވަރުކުރު ކުރަން ޖެހޭނެ ކަމަށެވެ.

އެސާކިއުލާގައި އިތުރަށް ބުނެފައިވަނީ ސްކޫލްތަކުގެ ކިޔެވުން ފަށާނެ ދުވަހެއް ކަނޑައަޅާނީ އެޗްޕީއޭއިން ކަމަށެވެ. އެ މަޝްވަރާތައް އެ އިދާރާއާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

ނިއު ނޯމަލްގައި ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ކުދިންގެ ޓެމްޕަރޭޗާ ބެލުމަށް500 ތާމޯމީޓަރާއި،1،250 އަތް ދޮންނަ ސައިބޯނިފުޅި ހޯދަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިއުލާނުކޮށްފައި އެވެ. އަދި އަލުން ސްކޫލްތައް ފަށާއިރު ކުދިން ސްކޫލަށް ވައްދާނީ ޓެމްޕަރޭޗާ ބަލައި ސިއްހީ ގޮތުން ރަނގަޅު ފިޔަވަޅުތަކާއި އެކު ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ނިއު ނޯމަލްގައި ސްކޫލްތަކުގައި އެއް ދަންފަޅިއެއްގައި އެއް ފަހަރާ އެހާ ގިނަ ކުދިންނަށް ކިޔަވައި ނުދޭނެ އެވެ. އާބާދީ ބޮޑެތި ސްކޫލްތަކުގައި ހަތަރު ދަންފަޅިއަށް ކިޔަވައިދޭން ޖެހިދާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް